އިއްތިހާދުގެ ސަރުކާރެއްގައި އިންޑިއާއިން ދިވެހިންނަށް ކުރިމަތިވެފައިވާ ވިސާގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު ޓްރިވެންޑްރަމުގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައެވެ.

ފައިސަލް ވިދާޅުވީ އިންޑިއާގެ އެކި ސިޓީތަކުގައި ދިރިއުޅޭ ދިވެހިންނަށް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ދުވަހަކުވެސް ދިމާނުވާ ފަދަ ކަންކަމާ ދިމާވެފައި ކަމަށާއި މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި ބޭރު ގައުމުތަކާ ޚާއްސަކޮށް އިންޑިއާއާ އެކު ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރައްވާނެ ފައިސަލް ވިދާޅުވިއެވެ. އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ވިސާގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ވިސާ ލިބުމުގައި ވަކިން ޚާއްސަކޮށް ޑިޕެންޑެންޓް ވިސާ ލިބުމުގައިި ގިނަ ދަތިތަކެއް ކުރިަމތިވަމުންދާކަން ފާހަގަވޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނަން. މަސައްކަތް ކޮށް އަޅުގަނޑުމެން ހައްލު ހޯދައިދޭނަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރެވޭނީ އިޚުލާސްތެރިކަމާ އެކު މަސައްކަތް ކޮށްގެން ކަަމަށާއި ކިބުރުވެރިކަމާ ބޮޑާކަމުގައި ރައްޔިތުންނާއި ގައުމު ދޫކޮށްލައިގެން ތިބެގެން އެކަން ނުވާނެ ކަމަށެވެ. އިއްތިހާދުގެ ވެރިކަމެއްގައި ގައުމަށް އެއްވެސް ގެއްލުމެއް ވާނެ ކަމެއް ނުކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭ ގޮތަށް ބޭރު ދުނިޔެއާ ގުޅުން ބާއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިންޑިއާގައި އުޅުނަސް އަދި ދުނިޔޭގެ އެހެން ތަނެއްގައި އުޅުނަސް ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނެކޭ އެއްފަދައިން އެހެން ތަންތާގައި އުޅޭ ދިވެހިންނާ މެދު ވެސް ތަފާތުކުރުމެއް ނެތި ކަންތައް ކުރައްވާނެ ކަމަށެވެ. އެގޮތުން އިންޑިއާއަށް މިދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަތީ އެގައުމުގައި އުޅޭ ދިވެހިންނާ ބައްދަލުކޮށް، ރައްޔިތުންގެ ބޭނުންތައް ބެއްލެވުމަށް ކަމަށެވެ. ގައުމުން ބޭރުގައި ދިރިއުޅުމަކީ ސަރުކާރުން އެރައްޔިތުންގެ ކަންކަން ބަލަންނުޖެހޭ ސަބަބެއް ނޫން ކަަމށާއި އިންޑިއާގެ ކޮންމެ ހިސާބެއްގައި އުޅުނަސް ދިވެހިންގެ ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައި އުޅޭ ދިވެހިންނަށް ވެސް އިއްތިހާދުގެ ސަރުކާރެއްގައި ލުއިފަސޭހަ ގެނެސްދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.