ސެޕްޓެމްބަރު 23 ވަނަ ދުވަހު ލާ ވޯޓުގައި ރައްޔިތުން ހުކުމް އިއްވުމާއެކު ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ޣައިރު ގާނޫނީ އަމުރުތައް ހިންގާފައިވާ ފަރާތްތައް ޖަވާބުދާރީކުރުވަން ފަށާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ އެމަނިކުފާނު ގއ. އަދި ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުުރުފުޅުގައި ގދ. ރަތަފަންދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބޫ ވިދާޅުވީ ގައުމު އެދި ގޮވާ ގޮވުންތަކަށް ރައްޔިތުން އިޖާބަ ދޭ މަންޒަރު މިއަދު ފެނިގެންދާ ކަމަށެވެ. އިބޫ މިގޮތަށް ވިދާޅުވީ ދައުލަތުގެ ބައެއް މަގާމުތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އެމްޑީޕީއަށް ސޮއިކޮށް އިބޫގެ އަތްޕުޅަށް އެމީހުންގެ މެންބަޝިޕް ފޯމު އެރުވުމާ ގުޅިގެން އެކަމަށް އިޝާރަތް ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބޫ ވިދާޅުވީ ސަރުކާރުން ދައްކަމުން ދިޔަ ބިރަށް ބެލުމެއް ނެތި ދިވެހި ރައްޔިތުން ގައުމު އިސްލާހުކުރުމުގެ މަސައްކަތުގައި މިއަދު ބައިވެރިވަމުންދާ ކަމަށެވެެ. ގުޅިފައިވާ ކޯލިޝަނުން ކުރަމުންދާ ދަތުރަކީ އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު ކުރަމުންދާ ދަތުރެއް ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވާ ގައުމު ރައްޔިތުންނަށް ހޯދައިދޭނެ ކަަމަށްވެސް ވިދާޅުވި އެވެ.