ރައްޔިތުންގެ މެދުގައި އަދުލުއިންސާފު ގާއިމުނުކޮށް ތަރައްގީއާއި ކުރިއެރުމުގެ ވާހަކަ ދެއްކިޔަސް ނުފުދޭ ކަމަށް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ،ފުވައްމުލަކަށް ކުރަމުންދާ ދަތުރުގައި ރޭ އައްޑޫ މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚް ވިދާޅުވީ އިބިލީސް ﷲގެ އަމުރުފުޅަށް ކިޔަމަންނުވެ ގޮންޖަހައި ބޮޑާވެގެންވާ ހާލުގައި، ﷲގެ ކޯފާ ހައްގުވެގެންވާކަން ދަނެހުރެވެސް އެދުނީ ގިޔާމަތް ކައިރިވަންދެން މުހުލަތް ދެއްވާތޯ ކަމަށާއި އެއީ މާތްﷲގެ ވައުދަކީ އަދުލުވެރި ވައުދެއްކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އިބިލީހުގެ އެއެދުމަށް ﷲ އިޖާބަދެއްވިކަން ފާހަގަކުރައްވައި ޝައިޚް ވަނީ އަޅުގަނޑުމެން އެދެނީ ތެދުމަގު ދެއްކެވުމަށް ކަމަށް ވިދާޅުވެ ތެދުމަގަށް އުޅުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އިލްޔާސް ވިދާޅުވީ މުސްލިމުން އުޅެންވާ ގޮތް ބަޔާންވެގެންވަނީ ކީރިތި ގުރުއާނުގައި ކަމަށާއި އިސްވެދިޔަ އުންމަތްތަކުގައި އަނިޔާވެރިކަމާއި ރިޝްވަތާއި ފަސާދަ ފެތުރިގެން ދިއުމުން އެބައިމީހުން ހަލާކުކުރެއްވި ގޮތް ކީރިތި ގުރުއާނުގައި ވަރަށް ތަފުސީލުކޮށް ބަޔާންކުރައްވާފައިވާ ކަމަށެވެ.
ޝައިޚް ވިދާޅުވީ ﷲ އަޅުގަނޑުމެންނަށް ދެއްވި އިސްލާމްދީނުގެ އެންމެ މުހިންމު އެއް މަގުސަދަކީ މީސްތަކުންގެ މެދުގައި އަދުލުއިންސާފު ގާއިމުވެ، އަނިޔާވެރިކަން ނެތިދިއުން ކަމަށާއި މުޖުތަަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުވެގެން ދިއުން ކަަމަށެވެ. އެމަގުސަދު އެއްފަރާތް ކޮށްލާފައި ތަރައްގީއޭ ކިޔައިގެން އޮޅުވާލަން ބަޔަކު މަސައްކަތް ކުރި ކަމުގައި ވިޔަސް އެކަމަށް އޮޅިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަޚަކު ދަންނަވަނީ ޝެއިޚޭ ނުފެނޭހޭ މިތަރައްގީ. އަޅުގަނޑު ދެންނެވީ ނޫނެކޭ ރާއްޖޭގެ ރައްޔިތުން ތަރައްގީ ބޭނުންވެއޭ. ތަރައްގީ އެލަފުޒު ކިޔާލީމަ ދެން ފުދޭނެތޯ. ނޫން ނުފުދޭނެ. ދެން ހުރި އަސާސީ ޚިދުމަތްތައް، އަސާސީ ކަންތައްތައް ހަމަހަމަގޮތެއްގައި އަޅުގަނޑުމެންނަށް ނުލިބޭ ކަމަށް ވަނީނަމަ އޭގެ ބޭނުމެއް ވެސް ނެތް. ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވަނީ ފަރުޟު ފަސްނަމާދުގެ ވަގުތުގައި އެއަޅުކަން އަދާކުރުން. އެނަމާދު އަދާނުކޮށް ހުރެގެން މީހަކު ކިތަންމެ ހެޔޮކަމެއް ކުރިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް އުފުލިގެން ނުދޭ. އެކީއްވެތޯ، އެއީ ﷲ އެންމެ ލޯބިވެވޮޑިގެންވާ އަޅުކަން ދޫކޮށްލީތީ" ޝައިޚް ވިދާޅުވިއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ފިރުއައުނަކީ ﷲ އާރާއި ބާރު ދެއްވި ފަރާތެއް ކަމަށާއި މިސްރުގެ ވެރިކަން ވަނީ ތިމަންނައަށް ނޫންތޯއާއި އަދި ތަރައްގީއާއި ކުރިއެރުން ނުފެނޭހޭ ރައްޔިތުންނާ ސުވާލުކޮށް، އޭނަގެ ބާރު ދައްކަމުންދިޔަ ކަަމަށެވެ. މޫސާ އަލައިހިއްސަލާމް ނިކަމެތިކޮށް އެތައް ވާހަކައެއް ފިރުއައުނު ދެއްކި ކަމަށާއި މީހުން ނިކަމެތި ކުރުމަކީ ކިބުރުވެރިކަމާއި ބޮޑާކަމުގެ އަލާމާތެއް ކަމަށެވެ. ޒައްރެއްގެ މިންވަރުވެސް މީހާގެ ހިތުގައި ކިބުރުވެރިކަމާއި ބޮޑާކަން އޮވެއްޖެނަމަ އެމީހަކަށް އޮތީ ނަރަކަ ކަމަށް ޝައިޚް ވިދާޅުވިއެވެ.
އަނިޔާވެރިކަމަކީ ރައްޔިތުން އެކަމާ މެދު ނުވިސްނައި، އަނިޔާވެރިޔާއަށް އަނިޔާ ކުރުމަށް ފުރުސަތު ދޭނަމަ އެބަޔަކު ނިކަމެތިވެ، ﷲގެ ކޯފާ ހައްގުވެދާނެ ކަމަށް ޝައިޚް އިލްޔާސް ވިދާޅުވިއެވެ. ބިރުވެތިވާން ޖެހެނީ ﷲ އަށް އެކަނި ކަމަށާއި އެނޫން ފަރާތަކަށް ބިރުވެތިވުމަކީ ފާސިގުވުން ކަަމަށް ވިދާޅުވެ ޝައިޚް ވަނީ އަނިޔާވެރިކަމަށް ވާގިވެރިވެ ރުހިގެން ނުތިބުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ދައުރެއްގައި ވިޔަސް، ކޮންމެ ފަދަ ބޭފުޅެއްގެ ކުރިމަތީ ވިޔަސް ހައްގުގޮތް ބަޔާންކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. ޔަހޫދީ ދީން ފަތުރާ މީހެއް ކަމަށް ބުނި ކަމުގައި ވިޔަސް އެފަދަ ވާހަކަތަކަށް ފަރުވާލެއް ނެތް ކަމަށާއި ހައްގުގޮތް ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވުމުގައި ދެމިހުންނަވާނެ ކަަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
އިދިކޮޅު އިއްތިހާދުން އައްޑޫއާއި ފުވައްމުލަކަށް ކުރާ މިދަތުރުގައި މިރޭ ޖަލްސާ ބާއްވާނީ ފުވައްމުލަކުގައެވެ. މިރޭގެ ޖަލްސާގައި ވެސް ޝައިޚް އިލްޔާސް ހުސައިން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.