ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް ހުޅުމާލެ ވުޖޫދު ކުރެއްވި އެރަށުގެ ބާނީ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމު މިއަދު ޖަލުގައި އޮންނެވުމަކީވެސް މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ސަބަބެއްކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ ހުޅުމާލޭގައި އިއްތިހާދުގެ ހަރުގެ ހުޅުއްވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ހުޅުމާލޭގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ފައިސަލް ވަނީ، ހުޅުމާލެ މިއަދު ސިޓީއެއްގެ ގޮތުގައި ތަރައްޤީވެފައި ވާއިރު، ހުޅުމާލޭގެ ބާނީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ހުޅުމާލެ ވުޖޫދަށް ގެންނެވި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޖަލުގައި އޮންނެވުމަކީ މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނާނެ އެއް ސަބަބު ކަމަށެވެ.

"އާދެ މިހުޅުމާލޭގެ، މިސިޓީގެ ބާނީ ކޮބައިތޯ؟ މިހުޅުމާލެ ބިނާކުރެއްވި، މިއުއްމީދު ދިވެހިރައްޔިތުންނަށް ގެނެސްދެއްވީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް މިއަދު ކޮބައިތޯ؟ އަޅުގަނޑު ދަންނަވާނީ އެމަނިކުފާނަށް ހަމައެކަނި ލިބެމުން އެދާ އަނިޔާތަކާއި ދުއްތުރާތަކާއި ހިތްދަތިކަމަށް އެކަނި އަޅުގަނޑުމެން ރައްޔިތުން ވިސްނާލިޔަސް އެއީވެސް މިސަރުކާރަށް އަޅުގަނޑުމެން ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ ސަބަބެކޭ" ފައިސަލް ވިދާޅުވިއެވެ.

ރައީސް މައުމޫނު ޖަލަށްލައި މިސަރުކާރުން އެމަނިކުފާނަށް އަނިޔާ ދެމުން ގެންދާއިރު، އެމަނިކުފާނު މިނިވަންކުރެއްވުމަށް ފައިސަލް ދަނީ ސަރުކާރަށް ގޮވާލައްވަމުންނެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގައި ވިޔަފާރިވެރިންނަކީވެސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ބައެއްކަން ފާހަގަކުރައްވަމުން ރައްޔިތުންގެ ރުއިމުގެ އަޑުއެއްސެވުމަށް ފައިސަލް ވަނީ ވިޔަފާރިވެރިންނަށްވެސް އިލްތިމާސްކުރައްވާފައެވެ.

"ދިވެހިރާްޖޭގެ ތަރައްޤީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދިވެހި ވިޔަފާރިވެރިން. ތިޔަ ބޭފުޅުން ވަނީ ވަރަށް ގިނަގުނަ މަސައްކަތްޕުޅު ތަކެއް ކުރައްވާފައި. ދިވެހިޤައުމު ބިނާކުރެއްވުމަށާއި ދިވެހި ޒުވާނުންނަށް ގިނަގުނަ ވަޒީފާތައް ހޯއްދަވައި ދެއްވުމަށްޓަކައި. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ހިތާމަކުރަނީ، އަޅުގަނޑުމެން އެބަޔަކަށް ވަރަށް އިހުތިރާމްކުރާ، އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި ޤައުމަށް ޚިދުމަތްކުރާ މިފަދަ ފަރާތްތައް އަނިޔާވެރި ވެރިއެއްގެ ފަހަތުގައި ތިއްބަވައިގެން ދިވެހިރައްޔިތުން ނޭދޭ ކަހަލަގޮތަކަށް މަސައްކަތް ކުރަމުން ގެންދާތީ." ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ އުއްމީދީ ޝަހަރުގެ ގޮތުގައި ހުޅުމާލެ ތަރައްޤީވަމުން އަންނަ އިރު އެއީ ޒުވާނުންގެ ޝަހަރުގެ ގޮތުގައި ސަރުކާރުން ބުނަމުން އައި ނަމަވެސް އެހުވަފެން ހަޤީޤަތަކަށް ހަދައިދިނުމަށް މިސަރުކާރު ވަނީ ނުކުޅެދިފައިކަމުގައި ފައިސަލް ވަނީ ވިދާޅުވެފައެވެ.

1996 ވަނަ އަހަރު ރައީސް މައުމޫނުގެ ޒަޢާމަތުގައި ހުޅުލޭފަޅު ހިއްކައި ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، އޭގެ ފަހުން އައި ސަރުކާރުން ތަކުންވެސް ހުޅުމާލެ ތަރައްޤީކުރުމަށް ހާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ.