ޚިޔާނާތްތެރިވަނީ އިމާންކަން ބަލިކަށިވުމުން ކަމަށާއި، ތިމާއާއި ހަވާލުކުރެވުނު ކަމަކަށް އުނިއިތުރުގެނެސް، ޚިލާފް ވެއްޖެނަމަ ޚިޔާނާތްވެވުނީ ކަމަށާއި، ޚިޔާނާތްތެރިން ދެކެ ﷲ ލޯބިވެވޮޑިގެން ނުގަންނަވާ ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިލްޔާން ހުސައިން ވިދާޅުވީ، ޚިޔާނާތްތެރިވަނީ، އީމާންކަން ބަލިކަށިވެ، ހަސަދަވެރިކަމާއި، ޖާހާއި ފައިސާގެ ދަހިވެތިކަން ހިތުގައި އަށަގަތުމުން ކަމަށާއި، އެހިސާބުން މީހާގެ ދުވަސްދިޔައީ ކަމަށެވެ.
އެހާލަތުގައި އެފަދަމީހަކަށް ކުރެވޭ ނުކުރެވޭކަމެއް ނޭނގޭނެ ކަމަށާއި، ގޯސްކަމެއް ނުފެންނާނެ ކަމަށާއި، މިއީ ޚިޔާނާތްތެރިވާ ސަބަބުތައް ކަމަށް ވިދާޅުވިއެވެ.
ކީތިރި ގުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތުގެ މައްޗަށް ބިނާކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ، ކަމަކާ ހަވާލުވެ ހުންނަ މީހަކު މަގާމުގެ އުޖޫރައިގެ އިތުރުން ނަގާ ކޮންމެ ރުފިޔާއަކީ ޚިޔާނާތެއް ކަމަށާއި، މަގާމުގައި ހުރެގެން ހިފާ ކޮންމެ ހަދިޔާއަކީވެސް ޚިޔާނާތެއް ކަމަށެވެ.
ޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ، އަމާނާތަށް ޚިޔާނާތެރިވެގެން ނުވާނެ ކަމަށާއި، ޚިޔާނާތަކީ ވަރަށް ސުންޕާކަމެއް ކަމަށެވެ. ﷲ ގެ އަމުރުފުޅުތަކާއި، ކީތިރި ރަސޫލާގެ އިރުޝާދުތަކަށް ޚިޔާނާތްތެރި ވެވޭނީ ކޮން ގޮތަކަށްތޯ، ޝައިޚް އިލްޔާސް ސުވާލު ކުރައްވާފައި ވެއެވެ.
ތަނެއްގައި އަދުލުއިންސާފު ނެތިއްޖެނަމަ ޚިޔާނާތްތައް އިތުރުވާނެ ކަމަށާއި، ހަމަޖެހުމެއް ނޯންނާނެ ކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.