ދީނީ އިލްމުވެރިންނަށް އޮތް ބިރުވެރިކަން ނައްތާލައި މިނިވަންކަމާއެކު އެބޭފުޅުންގެ ޒިންމާ އަދާކުރެއްވޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މާލޭގެ ބައެއް ހިސާބުތަކުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދޮރުންދޮރަށް މިއަދު ހިންގަވައި ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމުން ސަރުކާރާ މެދު ރައްޔިތުން ނުރުހިފައި ތިބި މިންވަރު އެނގޭ ކަމަށާއި އެއީ ސަރުކާރުން ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތުން ކަމަށެވެ. މިގޮތުން ސިޔާސީ އެތައް ބަޔަކު ނުހައްގުން ޖަލަށްލާފައިވާއިރު ދީނީ އިލްމުވެރިންނަށް ވެސް އެބިރުވެރިކަން މިއަދު ކުރިމަތިވެފައި އޮތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މީގެ ކުރިން ރައްޔިތުން ހީކުރަނީ އެކި ގޮތްގޮތުން ހައްޔަރުކޮށް ބަންދުކޮށް ހަދަނީ ހަމައެކަނި ސިޔާސީ މީހުން ކަމަށް ކަމަށާއި ނަމަވެސް މިހާރު ދީނީ އިލްމުވެރިންނަށް ވެސް އެބިރު އޮތުމީ ރައްޔިތުންގެ ނުރުހުން އިތުރަށް ބޮޑުވެފައިވާ ކަމަށެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ހައްޔަރުކުރަން އުޅޭކަމުގެ އަޑުތައް ފެތުރެމުންދާތީ ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ވޭތުވެދިޔަ ދެތިން ދުވަހެއް ތެރޭ އަޅުގަނޑުމެންނަށް މިފެނިގެން ދިޔައީ ދިވެހިރާއްޖެ އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ދީނީ އިލްމުވެރިއެއް ޝައިޚް އިލްޔާސަކީ. އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރައްވައި އެމަނިކުފާނުގެ ޒިންމާ ވަރަށް ފުރިހަމަގޮތެއްގައި އަދާކުރައްވަމުން ގެންދަވަނީ. ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ފާހަގަކުރާ ބޭފުޅެއް ޝައިޚް އިލްޔާސަކީ. ސޯޝަލް މީޑިއާގައި އިވެމުންދާ ވާހަކަތަކަށް ބަލާއިރު ވަކި ޕާޓީއަަކަށް ނިސްބަަތްވާ ސީނިއާ ބޭފުޅުން ވަކި ގޮތަކަށް އަމަލުކުރުމަށްޓަކައި ގޮވާލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ މުއައްސަސާ ކަމަށާއި ނަމަވެސް ބައެއް ފަހަރު ކަންކުރެވޭ ގޮތުން އެމުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަަމަށެވެ. ގާނޫނީ އިމުން ބޭރުން އަމަލުކޮށްފިނަމަ އެކަންކަމަށް ޖަވާބުދާރީވާންޖެހޭ ދުވަސް އަންނާނެ ކަމަށް ވިދާޅުވެ ފައިސަލް ވަނީ ގާނޫނީ އިމުން ބޭރުން ސަލާމަތީ ޚިދުމަތްތަކުން އަމަލުނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމުގެ އަޑު ދަނީ ފެތުރެމުންނެވެ. ސޯޝަލް މީޑިއާގައި މިއަޑު ގަދަވެފައި ވީނަމަވެސް އެފަދަ އަމުރެއް ނެރެފައިވާކަން ދައުލަތުގެ މުއައްސަސާއަކުން އަދި ހާމައެއް ނުކުރެއެވެ. މިފަދަ އަމުރެއް ނެރެފައިވާ ކަމުގެ އަޑުތައް ފެތުރެމުންދާއިރު ޕީޕީއެމްގެ ޕާލަމަންޓަރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ޝައިޚް އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ގޮވާލައްވާފައެވެ.

ޝައިޚް އިލްޔާސް ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށާފައި މިވަނީ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް އެމަނިކުފާނު ތާއީދުކުރައްވާކަން ހާމަކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށެވެ. މިގޮތުން ގުޅިފައިވާ ޕާޓީތަކުން އައްޑޫއާއި ފުވައްމުލަކަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރި ދަތުރުގައި އެދެއަތޮޅުގައި ބޭއްވި ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިޖަލްސާތަކުގައި އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވެފައިވާއިރު ޓީވީ މެދުވެރިކޮށް ވެސް އެތައް ބަޔަކު ވަނީ އެމަނިކުފާނުގެ ވާހަކަފުޅު އަޑުއަހާފައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މިރޭ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މާލެ ވަޑައިގަންނަވާ ތަނުން ހައްޔަރުކުރުމަށް ތައްޔާރުވަމުންދާ ކަަމަށް ވަނީ އަޑު ފެތުރިފައެވެ.