ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުނުވާނެކަން ސަރުކާރަށް ވެސް އެނގޭ ކަމަށާއި އިދިކޮޅު ޕާޓީތަކުގެ ކެމްޕޭނަށް ހުރަސްއަޅަމުންދަނީ އެސަބަބާހެދި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މައްޗަންގޮޅީ އުތުރު ދާއިރާގެ ބައެއް ގޭގެއަށް މިއަދު ހަވީރު ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ފައިސަލް ވިދާޅުވީ މުޅި ގައުމުން ވެސް މިއަދު ފެންނަނީ އުފާވެރި މަންޒަރުތަކެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާ މަންޒަރު އެބަފެންނަ ކަމަށެވެ. ސަރުކާރަށް އިންތިޚާބު ކާމިޔާބުނުކުރެވޭނެކަން ޚުދު ސަރުކާރުގެ އިސް ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އިދިކޮޅު ކެމްޕޭނަށް އެކިގޮތްގޮތުން ހުރަސްއަޅަމުންދަނީ ވެސް އެހެންވެ ކަަމަށް ފައިސަލް ވިދާޅުވިއެވެ.

"ސަރުކާރަށް ވެސް މިއަދު އެބަގަބޫލުކުރެވޭ އަތުން ބީވެގެންދާކަން. ނާތަހުޒީބު އަމަލުތައް، ބެނާތައް ނެއްޓުމާއި ޖަގަހަތައް ބަންދުކުރުމާއި ކެފޭތައް ބަންދުކުރުމާއި ބަލިވުން ރަމްޒުކޮށްދޭ ކަންކަން. އަޅުގަނޑުމެންގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް، ފެންނަމުންމިދާ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި، ރައްޔިތުންނަށް ހިތްހަމަޖެހިގެން އުޅެވޭނެ ގޮތެއް ހޯދައިދޭން އެބަޖެހޭ. ދީނީ އިލްމުވެރިންނާއި ސިޔާސީ މީހުންނާއި އިޖުތިމާއީ ޚިދުމަތް ކުރާ މީހުންނަށް ހަމަޖެހިލައިގެން އެބައެއްގެ ޒިންމާ އަދާކުރެވޭނެ މަގު އަޅުގަނޑުމެން ތަނަވަސްކޮށްދޭން އެބަޖެހޭ" ފައިސަލް ވިދާޅުވިއެވެ.

އިދކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ ދައްކާ ބިރަކަށް ނުސިހި ފަހަތަށް ނުބަލައި ކުރިއަށްދާންޖެހޭ ކަމަށެވެ. އެގޮތުން ޒުވާނުންނާއި އަންހެން ބޭފުޅުން ވެސް ކުރިއަށް ނުކުތުމަށް ގޮވާލެއްވިއެވެ. އަދި ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ގައުމީ މަސައްކަތުގައި ނުކުތުމަށް ވިޔަފާރިވެރިންނަށް ވެސް ގޮވާލެއްވިއެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު މައްޗަންގޮޅީ އުތުރު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރެއްވިއިރު އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ މެމްބަރު އަދި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މައްޗަންގޮޅީ އުތުރު ދާއިރާގައި ދޮރުންދޮރަށް ހިންގަވައި އެބޭފުޅުން ވަނީ ރައްޔިތުންގެ ހާލަތު ބައްލަވައި އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށް ކުރައްވާނެ ކަންކަން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. މީގެ ކުރިން ވެސް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ވަނީ މާލޭގައި ވެސް އަދި އަތޮޅުތަކުގެ ރަށްތަކުގައި ވެސް ދޮރުންދޮރަށް ހިންގަވައި ރައްޔިތުންގެ ހާލަތު ބައްލަވާފައެވެ.