(02 ސެޕްޓެމްބަރު 2018 އާ ގުޅޭ)

އަހަރެން ކަނޑާލި ނަންބަރަށް އަލުން ގުޅީމެވެ. ނައުފަލާ ވަހަކަދެއްކީމެވެ. ފޯނު ކަނޑާލި ސަބަބު ބުނެދިނީމެވެ. އަހަރެން ވެސް މައާފަށް އެދުނީމެވެ. އެހެންވީ އޮޅިގެންކަމަށް ބުނީމެވެ. އެ ވާހަކަތަކާއެކު އެތައް ވާހަކައެއް ދެއްކުނެވެ. އެތައް އިރަކު އެ ފޯނުގައި ހުރެވުނެވެ. ނައުފަލުގެ އެ ވާހަކަތަކުން ހިތަށް ލިބެމުން ދިޔައީ ބަޔާންކުރަން ވެސް ނޭނގޭ އުފާވެރި އިހުސާސްތަކެކެވެ. ދުވަހަކު ވެސް ނުލިބޭ އުފާތަކެކެވެ.

ފޯނު ބާއްވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ބޭނުންވީ ނައުފަލާ ވާހަކަދައްކާށެވެ. އޭނާ ވެސް ބޭނުންވީ އެގޮތެވެ. އެހިތުގައި ވެސް ޖަހަނީ އަހަރެންގެ ހިތުގައި ވެސް ޖަހާ ވިންދެވެ. އެފަދަ ޖަޒުބާތެކެވެ.

"އަހަރެންގެ އޮފީހުން އެބަ އޮތް މާދަމާ ދާލަމަށް ދާން ރާވާފައި. އެތާ އޮންނަ ޚާއްޞަ ޖަލްސާއަކަށް. މެނިފެސްޓޯ އިއުލާންކުރުމުގެ ޖަލްސާއަށް. އެންމެން ވެސް ދާންޖެހޭ" އަހަރެން ބުނީމެވެ.

"އަހަރެމެންނަށް ވެސް އޮތީ ކިޔާފައި. ހާޒިރި ބަލާނެކަމަށް ވެސް އޮތީ ބުނެފައި. ދާނަންތަ؟" ނައުފަލް ސުވާލުކުރިއެވެ.

"ދެން ނުގޮހެއް ނުހުރެވޭނެއްނު. ވަޒީފާ ބޭނުންނަމަ ޖެހެނީ ދާން" އަހަރެން ބުނީމެވެ.

"ތިހެންވިއްޔާ އަހަރެންވެސް ދާނަން. ދިމާވާނެތާ؟" ނައުފަލް ބުންޏެވެ.

"ނުދިޔަޔަސް ދިމާވެދާނެއްނު" އަހަރެން ބުނީމެވެ.

"ކިހިނެއް؟" ނައުފަލް ސުވާލުކުރިއެވެ.

" މިގެއަށް އައުމުން." ނުސީދާ ގޮތަކަށް އެކުވެރިޔާއަށް އަހަރެން ދައުވަތު ދިނީމެވެ.

"ނުކެރޭނެ. އަހަރެންނަށް ދޭނީ ކޮން ކަހަލަ ބޮނޑިއެއް ކަމެއްވެސް ނޭނގޭ" ހިނިގަނޑަކާއެކު ނައުފަލް ބުންޏެވެ.

"މި ގޭގައި މާގިނަ ވައްތަރުގެ ބޮނޑިއެއް ނުހުރޭ. ހުންނަ ނަމަ ބޭނުން ވައްތަރެއް އިޚުތިޔާރުކުރަން ދޭނަން" އަހަރެން ވާހަކަދެއްކީ ވަރަށް މަޖާޒީ ގޮތަކަށެވެ. އެކުވެރިޔާގެ ވާހަކަތައް ހުރީވެސް އެފަދަ ގޮތަކަށެވެ. އެންމެ ފަހުން ވާހަކަތައް ނިންމާލީ މާދަމާރޭ އޮންނަ ޖަލްސާއަށް ދާލަމަށް ދާގޮތަށެވެ.

ޖެހިގެން އައި ދުވަހުގެ ރޭގަނޑު އަށެއް ނުޖަހަނީސް އަހަރެން މިސްރާބު ޖެހީ ދާލަމާ ދިމާއަށެވެ. އާއްމުކޮށް ހުޅުވާލެވިފައިވާ ދާލަމަށް އެތައް ބަޔަކު ދިޔައީ ހާޒިރުވަމުންނެވެ. ދަރުބާރުގޭ ކައިރީ އަހަރެން މަޑުކޮށްލައިގެން ހުރީ ނައުފަލް އަންނަން ދެނެވެ. އޭނާގެ އިންތިޒާރުގައެވެ.

މާގިނައިރަކު އިންތިޒާރުގައި ހުންނާކަށް ނުޖެހުނެވެ. ބާރު ހިނގުމުގައި ނައުފަލް އަންނަތަން ފެނުނެވެ. އެ ހިނގުން ވެސް އަހަރެންނަށް ރީއްޗެވެ. އެ ބެލުންވެސް ފިސާރި ރީއްޗެވެ. އެ ވާހަކަދެއްކުން އަދި މާރީއްޗެވެ. އެ ގާތްކަން އަދި މާ ފުރިހަމައެވެ.

ނައުފަލާއެކު އަހަރެން ދާލަމާ ދިމާއަށް ހިނގައިގަތީމެވެ. އޭރު އެކި ކޮޅުކޮޅަށް މީހުން ހިނގާބިނގާވެ އުޅެއެވެ. ޖަލްސާ އޮންނަ ސަރަހައްދަށް ދެވެންދެން ދާލަމުގެ އެކި ދިމަދިމާގައި ވަނީ ވަށް މޭޒުތަކާއި ގޮނޑިތައް އަތުރާފައެވެ. ބައެއް މޭޒުތަކުގެ ދޮށުގައި މަޑުކޮށްލައިގެން މީހުން ތިއްބެވެ.

ވަކި ހިސާބަކަށް ގޮސް ނައުފަލް މަޑުކޮށްލިއެވެ. އަހަރެންވެސް މަޑުކޮށްލީމެވެ.

"ހިނގާ އިށީންނަން" ނައުފަލް އެދުނެވެ.

"ޖަލްސާ އޮންނަ ހިސާބަކަށް އަދި ނުދެވެއެއްނު" އަހަރެން ބުނީމެވެ.

"މި ތަންވެސް ރަނގަޅެއްނު. ކޮންމެހެން އެހިސާބަށް ދާކަށް ނެޖެހޭނެތާ. ކާޑުގައި އޮތީ ދާލަމޭ. އަހަރެމެން މިތިބީ ދާލަމުގައި" ނައުފަލް ބުންޏެވެ.

"މިއީ ލޯބިވެރިން ތިބެން ހަދާފައި ހުރި ތަނެއް ކަންނޭނގެ" އަހަރެން ބޭނުންވީ އެކުވެރިޔާ ބުނަނީ ކީކެތޯ ބަލާށެވެ.

"މާ ރަނގަޅެއްނު. އަވަހަށް އިށީނދޭ" ނައުފަލް ބުންޏެވެ.

"ހަމަ މަޑުކުރަންވީތަ؟" ކުޑަ ހައިރާންކަމަކާއެކު އަހަރެން ސުވާލުކޮށްލީމެވެ. އެއަށްފަހު އިށީނެވެ. ޖެހޭ ތާޒާ ވައިގެ ތެރެއަށް ފުންނޭވައެއް ލީމެވެ.

ވާހަކަ ފެށީ ނައުފަލްއެވެ. އޭނާ ކިޔައި ދިނީ އޭނާއަށް އަހަރެން ފެނުނު ގޮތެވެ. އޭނާގެ ހިތުގައި އަހަރެން ކުރެހުނު ގޮތެވެ. އެހިތުގައި އޮތް ލޯތްބެވެ. އަހަރެން އިނީ އަޖައިބު ވެފައެވެ. އަހަރެންނާ ވާހަކަދައްކަން އޭނާ ކުރި މަސައްކަތްތައް އަޑު އަހާފައެވެ.

އެ ވާހަކަތަކަށް ފަހު ނައުފަލްގެ ލޯބި އަހަރެންނަށް ހުށަހެޅިއެވެ. އެ ބޮޑު ދާލަން ހެކިކޮށެވެ. ވަށައިގެންވާ ކަނޑު ހެކިކޮށެވެ. އެރޭގެ ހިތްގައިމު ހަނދާއި ތަރިތައް ހެކިކޮށްފައެވެ. އަހަރަންނަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހީވީ ފިލްމީ މަންޒަރެއް ކުރިއަށް ދިޔަ ހެންނެވެ. ނަމަވެސް އެއީ އަސްލުކަން ހިތުން ގަބޫލުކުރެވުނެވެ. އެހެންވެ އެ ލޯތްބަށް އަހަރެން ރުހުނީމެވެ. އޭނާއާއެކު ކުރިއަށް ދިއުމަށް ނިންމީމެވެ.

"މިތަނަށް ތި އައީ މިކަން ކުރަންދޯ؟" އަހަރެން ސުވާލުކުރީމެވެ.

"މި ދާލަމަކީ އަހަރެންގެ ލޯތްބާ އެންމެ ގުޅޭ ތަން. ނީރާއާ ވާހަކަދައްކަން ފުރުޞަތު ލިބުނީ މި ދާލަން ހުޅުވީރޭ. އޭގެ ފަހުން ނީރާއާ ދިމާވީ ވެސް މި ދާލަމުން. ނީރާގެ ނަންބަރު ލިބުނީ ވެސް މި ދާލަމުން. މި ލޯބި މި ހުށަހެޅީވެސް މި ދާލަމުގައި. އެހެންވީމާ މި ދާލަމަކީ އަހަރެމެންގެ މި ގުޅުން ރަމްޒުކޮށްދޭ ނިޝާނެއް. މިލޯބި ގުޅުވައިދިން ހަނދާނެއް" ނައުފަލް ބުންޏެވެ.

އަހަރެންވެސް އަހަރެންގެ އިހުސާސްތައް ނައުފަލަށް ކިޔައިދިނީމެވެ. އަހަރެންގެ ހިތުގައި އޭނާއަށް އޮތް ޖާގަ ބުނެދިނީމެވެ. ދުވަހަކުވެސް ވަކި ނުވުމަށާއި ގުޅުން ކަނޑާ ނުލާނެކަމަށް ވަޢުދުވީމެވެ. ދެ މީހުން އެތަނުން ތެދުވީ ދާލަމުން އުފެދުނު ލޯބީގައި އުފާވެރި މާދަމާއަކަށް ދިއުމަށް އަތުގުޅާލަމުންނެވެ. އޭރު ޖަލްސާ ނިންމާފައި މީހުންތައް މާލެއާ ދިމާއަށް އަންނަނީއެވެ. އަހަރެމެން ވެސް އައިކޮޅަށް ހިނގައިގަތީމެވެ.

(ނިމުނީ)