ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރަކީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އުފައްދާ އަދި ރައްޔިތުންގެ ބަސް ކިޔޭ ގޮތަށް ހިދުމަތްކުރާނެ ސަރުކާރަކަށް ހަދަން ބޭނުންވާ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ހއ. މޮޅަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ރަށްރަށުގެ ތަރައްގީއަށް ކުރަން ބޭނުންވާ ކަންކަން ކުރާނީ އެރަށެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ރަށު ކައުންސިލުން ކަމަށެވެ. ރަށު ކައުންސިލުން ރަށް ތަރައްގީކުރުމަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި ބާރުތައް ކައުންސިލްތަކަށް ހޯދައިދޭނެ ކަަމަށްވެސް ވިދާޅުވި އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެނާއި ނަރުދަމާއާއި ކަރަންޓް ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކަކަށް ވާތީ އެކަން ކޮށްދެއްވާނެ ކަމަށެެވެ.