އުލިގަމު ސިޓީ ހޮޓާ އެޅުމަށް ކަނޑައެޅި 36 ހެކްޓަރުގެ ބިން އުލިގަމު ކައުންސިލާއި ހަވާލުކޮށް އެމަސައްކަތް އަލުން ކުރިޔަށް ގެންދަވާނެ ކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުއްމަތީ އުތުރުބުރިއަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި އެއަތޮޅު އުލިގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އުލިގަމަށް އިބުރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެމްޕޭންޓީމު ކުރި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންގެ ފަރާތަކުން އެމަނިކުފާނަށާއި ކެމްޕޭންޓީމަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.

ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީޑީސީން، ރައީސް މައުމޫނުގެ ސަރުކާރުގެ ފަހުކޮޅު އުލިގަމުގައި އަޅަންފެށި ސިޓީ ހޮޓަލުގެ މަސައްކަތުގެ ބޮޑުބައި ނިމިފައި ވަނިކޮށް އެމަސައްކަތް ވަނީ ހުއްޓި އިމާރާތްތަކާއި ތަންތަން ވީރާނާ ވެފައެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ކައުންސިލްތަކާއި ހަވާލުކޮށްގެން އެފަދަ މަޝްރޫއުތައްވެސް ކުރިޔަށް ގެންދިޔުންކަމަށާއި އެހެންކަމުން ސިޓީ ހޮޓާއެޅުމަށް ވަކިކުރި 36 ހެކްޓަރުގެ ބިން އަލުން ކައުންސިލާއި ހަވާލު ކުރައްވާނެ ކަމަށެވެ.

"އެގޮތުން ތިޔަ ބޭފުޅުން ބޭނުންވާ ގޮތަށް، އެތަން ތަރައްޤީ ކުރުމަށް ބޭނުންވާ، ވަސީލަތްތަކާއި ބޭނުންވާ އިންވެސްޓަރުން ހޯދުމާއި ފައިނޭންސް ހޯދުމުގައި އަޅުގަނޑުމެން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނަން." އިބޫ ވިދާޅުވިއެވެ.

އުލިގަމަކީ ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ ގިނައަދަދެއްގެ ޔޮޓު ފަހަރު މީގެ ކުރިން ބަނދަރު ކުރަމުން އައި ރަށެއް ނަމަވެސް މިސަރުކާރުން މިހާރު އަމަލު ކުރަމުން އަންނަ ގޮތުގެ ސަބަބުން އުލިގަމަށް ބަނދަރުކުރާ ޔޮޓު ފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައި ކަމުގައި އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ކުރިން 200 އާއި 150 އާއި ދެމެދުގެ އަދަދެއްގެ ޔޮޓު ފަހަރު އަހަރެއްގެ ތެރޭގައި އުލިގަމުގައި ބަނދަރު ކުރާއިރު އެއަދަދު މިހާރު ވަނީ 25 އާއި 30 ދެމެދުގެ އަދަދަކަށް ވެއްޓިފައި ކަމަށެވެ. އަދި އެހެން ދިމާވާން މެދުވެރިވީ ޔޮޓުފަހަރަށް އެއްވެސް ޚިދުމަތެއް ނުދީ ކުލި ނަގަން ފެށުމުން ކަމުގައި އިބޫ ވިދާޅުވިއެވެ.

"ސަބަބަކަށް ވަނީ އެއްވެސް ޚިދުމަތެއް ނުލިބި އެމީހުންގެ އަތުން ނަގަމުންދާ ފައިސާ. އެހެން ސަރުކާރަށް އެލިބޭ ކުޑަ މަންފާއަކަށް ވުރެ އެ ލުއި ގޮތަކަށް އޮވެޖިއްޔާ ސީދާ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ބޮޑުތަނުން އެބަ އިތުރުވޭ." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ބޭރުގެ ގިނަ ޔޮޓުފަހަރު ބަނދަރުކުރާ މަންޒިލަކަށް އުލިގަމު ބަނދަރު ވެގެން ދާނެ ކަމަށާއި އެރަށުގައި ޚިދުމަތްތައް ފުޅާކޮށް ޤާއިމްކޮށްދެއްވާނެ ކަމަށެވެ. މިގޮތުން އުލިގަމުގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ހައްދަވައި ދެއްވައި ކަސްޓަމްސްގެ ޚިދުމަތް ފުޅާކޮށްދެއްވާނެ ކަމުގައި އިބޫ ވިދާޅުވިއެވެ،

ހއ އުލިގަމަކީ ރާއްޖޭގެ އުތުރުން ދަތުރުކުރާ އުޅަނދު ފަހަރު ބަނދަރު ކުރާ ވަރަށް މުހިއްމު މަންޒިލެކެވެ.