ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ގައުމުގެ ޒުވާނުންގެ ކުރިމަގު އުޖާލާ ކުރުމުގެ މަސައްކަތް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލޭގެ ގަލޮޅު ދެކުނު ދާއިރާގެ ގެތަކަށް ޒިޔާރާތްކޮށް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މިއަދު މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކަކަށް ވަނީ މާލޭގެ މަގުތައްމަތީގައި އަމާންކަމާއި ރައްކާތެރިކަން ނެތް ކަމުގެ ބިރު ހީވެފައި ކަމަށެވެ.

ޒުވާން ދަރިފުޅު ގެއިން ނުކުތުމަށް ފަހު އެއްވެސް މަޔަކަށް ދަރިފުޅު ސަލާމަތުން އެނބުރި ގެޔަށް އަންނާނެ ކަމުގެ ޔަގީންކަން ނޯންނަ ކަމުގެ ޝަކުވާ ގިނަ އާއިލާތަކުން ކޮށްފައި ވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ދަރިފުޅު ދިޔުމަށް ފަހު ކޮންމެ މަޔަކުވެސް އިންނަނީ ދުނިޔެމަތީގެ ހުރިހާ ކަމަކުން އެއްކިބާވެގެން ދަރިފުޅުގެ އިންތިޒާރުގައި ކެތްމަދު ވެފައި ކަމަށެވެ.

ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މާލޭގެ މަގުތަކަކީ މުސްކުޅިންނާއި ކުޑަކުދިން، އަންހެނުންނާއި ފިރިހެނުން، އަދި ވަކިން ހާއްސަކޮށް ގައުމުގެ މުސްތަގުބަލު ކަމަށްވާ ޒުވާނުންނަށް އެއްވެސް ބިރުވެރިކަމެއް ނެތި އުޅެވޭނެ ފަދަ އަމާން ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ އާއިލާތަކާއި ސަރުކާރުގެ އިހުމާލުން މިއަދު ގޮތެއް ނެތިފައި ވަޒީފާއެއް ނެތި މަގުތައްމައްޗަށް ގިނަވެފައި ތިބި ޒުވާނުންނަށް ވަޒީފާގެ މަގު ފަހިކޮށްދީ އެކި ހުނަރުތައް ދަސްކޮށްދީ ކޮންމެ މީހަކީވެސް ގައުމުގެ ތަރައްގީގައި ބައިވެރިވެވޭނެ މީހަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި ރިހެބިލިޓޭޝަން ސެންޓަރުތައް އިތުރަށް ތަރައްގީކޮށް ސެންޓަރުތަކަކީ އެތަނަށްދާ ޒުވާނުންނަށް ތަފާތު ހުނަރުތަކެއް ދަސްކޮށްދީ އެތަނުން ނުކުންނަ ކޮންމެ މީހަކީވެސް ގައުމަށް ހެޔޮއެދިގެން ގައުމަށް މަސައްކަތްކޮށްދޭނެ މީހަކަށް ހަދައި އެތަނުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގައުމުގެ ހާލަތު މިހިސާބަށް އައިސްފައިވާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މަސައްކަތް ކުރާ ފުލުހުން ވަރަށް ބޮޑަށް ޒިންމާދާރު ވާނެޖެހޭ ކަމަށެވެ. އެތަކެއް މާރާމާރީ އަކާއި ފޭރުން އަދި މިނޫންވެސް އަމާންކަން ގެއްލޭ ފަދަ ކަންތައްތައް ހިނގަމުންދާއިރު ފުލުހުންނާއި މެދުވެސް ރައްޔިތުންގެ އިތުބާރު ވަނީ ކުޑަވެފައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައި ޒިންމާދާރު ގިނަ ފުލުުހުންތަކެއް ތިބި ކަމުގައި ވިޔަސް މަދު ބައެއްގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި ފުލހުންގެ އަގު ވަނީ ވެއްޓިފައި ކަމަށާއި ރައްޔިތުން އެދެމުންދަނީ ފުލުހުންނަކީ ވަކި ސިޔާސީ ފިކުރަކަށް ބުރަ ނުވެ ރައްޔިތުންނަށް ހިދުމަތް ކޮށްދޭ ބަޔަކަށް ހައްދަވައިދެއްވުމަށް ކަމަށް ވިދާޅުވިއެވެ. އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުންގެ މި އެދުން ފުއްދައިދެއްވާނެ ކަމަށްވެސް ފައިސަލް ވަނީ ވައުދުވެވަޑައިގެންފައެވެ.