ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕުގައި ބޫޓާން އަތުން ފަސޭހަކަމާއެކު ބަލިކޮށް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގާޅުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ބޫޓާން އާއި ވާދަކޮށް ބަންގްލަދޭޝް މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ބަންގާޅުގެ ގިނަ އަދަދެއްގެ ކުޅިބެލުންތެރިންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ބަންގާޅު ވަނީ ލީޑުނަގާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަހަތް ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ ޓޯޕޫ ބްރަމަން އެވެ. ބަންގާޅު ލީޑޫގައި އޮތް ނަމަވެސް ބޫޓާން ޓީމުގެ ތަރި ޗެންޗޯއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ބަންގާޅުގެ ދެވަނަ ގޯލު ޖަހާފައިވަނީ ދެވަަނަ ހާފުގައެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގެ ތެރޭގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަހްބޫބުރް ރަހްމާން އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އަމިއްލަ ދަނޑުގައި ގްރޫޕް ސްޓޭޖު މެޗަކުން އަދި މިހާތަނަށް ބަންގާޅު ބަލިވެފަނުވެއެވެ. ބަންގްލަދޭޝް ވަނީ މި މުބާރާތް 2003 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. އެފަހަރު އެ މުބާރާތް ބާއްވާފައިވަނީ ވެސް ބަންގާޅުގައެވެ.

މުބާރާތުގައި ރާއްޖެ ބައްދަލުކުރާ މެޗު އޮތީ އަންނަ ހުކުރު ދުވަހުގައެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހުކުރުދުވަހު ބައްދަލުކުރާނީ ސްރީލަންކާއާއެވެ.