ހއ.އިހަވަންދޫ ރައްޔިތުންނަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިބްރާހީމް މުހަައްމަދު ސޯލިހު ވަނީ ރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި އެގޮތުން އިހަވަންދޫ ރައްޔިތުންނަށް ގޯތިދޫކުރާނީ ރަށުން ބިންހިއްކައި ނިންމުމަށްފަހު ކަމަށެވެ. އަދި ހިއްކާ ބިމުގައި ސިނާއީ މަސައްކަތްތައް ކުރެވޭނެ ގޮތް ވެސް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް އިހަވަންދޫއަކީ އޮޑިދޯނިފަހަރު ގިނަ ރަށަކަށް ވުމުން ދޯނިފަހަރު އެހެލާނެ ސްލިޕްވޭއެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރަށް ވެސް ބަދަލުގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ސިޔާސަތު މިހާރު އަޅުގަނޑުމެން ވާނީ ހާމަކަޮށްފައި. ރާއްޖޭގެ ކަނޑުތަކަކީ ހަމައެކަނި ދިވެހިންނަށް މަސްވެރިކަން ކުރެވޭ ތަނަކަށް އަޅުގަނޑުމެންގެ ވެރިކަމުގައި ބަދަލުވެގެންދާނެ. އަދި މަހަށް ހެޔޮއަގު ލިބިގެންދާނެ. އަދި މިރަށުގައި މަސްގަނެ ހެދޭނެ ގޮތް ހަމަޖެހިގެންދާނެ. އައިސް ޕްލާންޓް ބޮޑުކޮށް، މަސްވެރިން ބޭނުންވާ ވަރަށް އައިސް ލިބޭނެގޮތް ހަދާނަން" އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރަށް ރަށުގެ ޒުވާނުންނަށް ބޮޑު ފުޓްބޯޅަ ދަނޑަކާއި ޒުވާނުންގެ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. ސިއްހީ މަރުކަޒުގެ ފެންވަރު ރަގަޅުކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށާއި ރަށުގެ މަގުތައް ވެސް ތާރުއަޅައި ރަގަޅު ފެންވަރަަކށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތިބެގެން މަތީތައުލީމު ހިލޭ ހާސިލްކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަން ފާހަގަކުރައްވައި ވިދާޅުވީ އިހަވަންދޫގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މަޖިލީސް މެމްބަރަށް މަޖިލީހަށް ވަދެވަޑައިގަތުމުގެ ފުރުސަތު ނުދޭތީއާއި އިހަވަންދޫ ކައުންސިލްގެ މެމްބަރުން އިރުއިރުކޮޅާ ސަސްޕެންޑް ކުރާ މައްސަލާގައި ވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގައި ނުފޫޒުގެ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެހެން ދެމިނޯންނާނެ ކަަމަށާއި ސެޕްޓެމްބަރު 23 އަށް ފަހު އެބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ވަންނާނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ވެސް ގޮވައިގެން ކަމަށް ވިދާޅުވިއެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިހަވަންދޫއަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ތަފާތު ގޮތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިގޮތުން ރަށުގެ ކުދިބޮޑު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު މައްޗަށް އެއްވެ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވިއެވެ. އިހަވަންދޫއަށް ވަޑައިގެން އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގުޅިފައިވާ ޕާޓީތަކުގެ ޖަގަހައެއް ވެސް ހުޅުއްވައިދެއްވާފައެވެ. މިދަތުރުފުޅުގެ ތެރެއިން ގުޅިފައިވާ ޕާޓީތަކުގެ ޚާއްސަ ޖަލްސާއެއް މިރޭ ހޯރަފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.