ދުނިޔޭގައި މިހާތަނަށް ބިނާކުރެވުނު ތިންވަނައަށް އެންމެބޮޑު މިސްކިތް ރަސްމީގޮތުން ހުޅުވަން އަލްޖީރިއާ ތައްޔާރުވާން ފަށައިފިއެވެ.

މި މިސްކިތް ބިނާކޮށްފައިވަނީ އަލްޖީރިއާގެ ވެރިރަށް އަލްޖިއާރސްގެ އަލް މުހައްމަދިއްޔާ ނަމަކަށްކިޔާ ސަރަހައްދެއްގައެވެ.

200،000 އަކަ މީޓަރުގެ މިމިކިސްތުގައި 265 މީޓަރުގެ އުސް މުންނާރެއްވެސް ލެވިފައި ވެއެވެ. މިއީ، މުޅި ދުނިޔޭގައިވެސް މިސްކިތެއްގައި ގާއިމްކުރެވުނު އެންމެ އުސް މުންނާރުކަމަށް ވެއެވެ.

މިމިސްކިތް ވެގެންދާނީ، މައްކާގައި ހުންނަ މަސްޖިދިލް ހަރަމްއާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށްފަހު ދުނިޔޭގައިވެސް ބިނާކުރެވުނު ތިންވަނައަށް އެންމެބޮޑު މިސްކިތް ކަމަށް ވެއެވެ.

އަލްޖީރިއާ ސަރުކާރުގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއަރޒް އެންޑް އެންޑޯވްމަންޓްސް މުހަންމަދު އީސާ ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މިސްކިތް ހުޅުވުމަށް ތައްޔާރީތައް ވަމުންގެންދާ ކަމަށެވެ.

"މިސްކިތުގެ ހުރިހާ މަސައްކަތަކާއި، މިސްކިތުން ލިބޭނެ ހުރިހާ ޚިދުމަތްތައް ގާއިމްކޮށް ނިންމައި މިސްކިތް ހަވާލު ކުރެވޭނީ މިއަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު. އެތާރީޚަށް އެކަން ނުވެއްޖެނަމަ 2019 ވަނަ އަހަރުގެ ވީހާވެސް ކުރީކޮޅު އެކަންކުރެވޭނެ" އަލްޖިއާރސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ރިލިޖަސް އެފެއަރޒް މުހަންމަދު އީސާ ވިދާޅުވިއެވެ.

އަލްޖީރިއާ ސަރުކާރުން ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން މިމިސްކިތް ބިނާކުރުމަށް 25 ހެކްޓަރުގެ ބިމެއް ކަނޑައަޅާފައި ވެއެވެ. މިސްކިތުގައި ނަމާދުކުރަންވެސް 20،000 އަކަ މީޓަރުގެ ބިޔަ މާލަމެއް ގާއިމްކޮށްފައި ވެއެވެ. މިޖާގައިގައި އެއްފަހަރާ 120،000 މީހުންނަށް ޖަމާއަތުގައި ނަމާދުކުރެވެއެވެ.