ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ސަލާމަތީ ބާރުތައް ބައްޓަންވެގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ދިނުމުގެ މައްޗަށް ކަމަށް، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހއ. ހޯރަފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ފާއިތުވެމިދާ 5 އަހަރު މާލެއާއި އަތޮޅުތަކުގެ މަގުތައްވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ވަޅިހެރުން އެތައްތަނެއް އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ފުލުހުންގެ ޚިދުމަތް ބައްޓަންކުރައްވާނީ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމުގެ މައްޗަށް ކަމަށް އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ހިންގަވާނެ އެއް ޕްރޮގްރާމަކީ ޕޮލިސް ރިފޯމް ޕްރޮގްރާމެއް ކަމަށާއި، އެ ޕްރޮގްރާމް ހިންގަވާނީ ފުލުހުންނާއި އާންމުންގެ ޚިޔާލު ހޯއްދަވައިގެން ކަމަށް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ. އަދި ފުލުހުންގެ އެންމެ އިސްވެރިޔާ، ކަމިޝަނަރ އޮފް ޕޮލިސް މަގާމަށް އައްޔަން ކުރުމަކީ ސިޔާސީގޮތުން ނިންމާ ނިންމުމަކަށް ނުވާގޮތަށް ބަދަލު ކުރައްވާނެ ކަމަށްވެސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.

"ފުލުހުންގެ ތަހްގީގު ހަރުދަނާ ކުރަންޖެހޭ. ސިޔާސީ ނުފޫޒެއްނެތި އެކަން ކުރެވެންޖެހޭ. ޚާއްސަކޮށް ފޮރެންސިކްގެ އަލީގައި ތަހްގީގު ހިންގާ ބަޔަކަށް ފުލުހުން ވާންޖެހޭ. ބޮޑެތި ޖިނާއީ ތަހްގީގުތައް އަވަހަށް ހިންގޭނެ މަގުތައް ފަހިކޮށްދޭނަން. ގާނޫނީ ބުރަދަނެއްނެތް އިންޓެލިޖެންސް ރިޕޯޓް ބޭނުން ނުކުރެވޭގޮތަށް ގާނޫނީ އޮނިގަނޑު އެކުލަވާލެވޭނެ" އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.

އިބްރާހިމް މުހަންމަދު ސޯލިހްގެ ވާހަކަފުޅުގައި، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ފުލުހުންގެ ޚިދުމަތް ބައްޓަން ކުރައްވާނެ ގޮތުގެ ވަރަށްގިނަ ނުކުތާތައް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ސައިބަރ ކްރައިމްސްއާއި، އެނޫންވެސް މިހާރު ގިނަ ކަންބޮޑުވުންތައް ހުރި މައްސަލަތައް ބެލުމުގެ ފުރިހަމަ ގާބިލް ބަޔަކަށް ފުލުހުން ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އިސްލާދީނާ ދެކޮޅަށް އަދި ދީނުގެ ނަމުގައި ބޭރުގައި ހަނގުރާމަކުރާ ބައެއްމީހުން އެނބުރި އަންނަމުންދާ ކަމަށާއި، އެފަދަ މީހުންގެ މައްސަލަތައް ބެލުމުގެ ގާބިލްކަންވެސް ފުލުހުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިބޫގެ ވާހަކަފުޅުގައި ވިދާޅުވީ، އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން އެކަން ކުރަމުންދަނީ ވަރަށް ދަތި ހާލަތެއް ކަމަށާއި، އެ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ. ހަމަ އެއާއެކު، އެ ފުލުހަކު ނިސްބަތްވާ ރަށެއްގައި ނުވަތަ އަތޮޅުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަށް ފުލުހުން މަސައްކަތްކުރުން ހުއްޓުވޭނެ ކަމަށާއި، ސަލާމަތީ ބާރުތަކުގެ އެތެރޭގެ މައްސަލަތައް ބަލާނީ އެ އިދާރާއެއްގެ ވެރިން ކަމަށާއި، ސިޔާސީމީހުން ނޫންކަމަށްވެސް އިބޫ ވިދާޅުވިއެވެ.