ގުޅިފައިވާ ޕާޓީތަކުން ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަން ހުންނަވާފައި، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ކުއްލިއަކަށް ގަމީހުގެ ޖީބުން ނެންގެވީ ކުޑަ ކަރުދާސްކޮޅެކެވެ. އިބޫ، އެ ކަރުދާސްކޮޅު ޖީބުން ނެންގެވީ، ރިޔާސީ އިންތިޚާބުގައި ވޯޓްލާދުވަސް ނުހަނު ގާތްވެފައި އޮތުމާއެކު، ރާއްޖޭގެ ރައްޔިތުން ފާޅުކުރަމުންގެންދާ ދަތިތަކުގެ ވާހަކައާއި، އިންތިޚާބަށް ހުރި ގޮންޖެހުންތަކާއި، ހުރި ބިރުވެރިކަމުގެ ވާހަކަތައް ދައްކަވަމުންނެވެ. ބިރުވެރިކަމުގެ ވާހަކަފުޅުގައި އިބޫ މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ބައެއް ފަރާތްތަކަށް ކުރިމަތިވަމުންދާ ވަޒީފާގެ ބިރުދެއްކުންތަކުގެ ވާހަކަފުޅުތަކެވެ.

ހޯރަފުށީ ޖަލްސާގައި އިބޫ ޖީބުން ނެންގެވި ނޯޓްގައި ލިޔެފައިވާ އިބާރާތްކޮޅު ވިދާޅުވެދެއްވުމުން، އެއީ ވަރަށް ކުރު ނޯޓެއްކަން އެނގުނެވެ. އެހެންނަމަވެސް، އޭގައި ލިޔެފައިވާ އިބާރާތްކޮޅަކީ ވަރަށް އަސަރުން ފުރިގެންވީ އިބާރާތްކޮޅެއްކަން އެނގުނެވެ. ޖަލްސާގައިތިބި ފަރާތްތަކާއި، އަދި ޖަލްސާ އަޑުއަހަމުންގެންދިޔަ ފަރާތްތަކުގެ ހިތްތަކުގެ އެންމެ ފުނަށް އެއިބާރާތްކޮޅުގެ އަސަރު ކުރިކަމަށް ގަބޫލު ކުރެވެއެވެ. އަޑުއެހި ކޮންމެ އިންސާނެއްގެ ހިތަށް އޭގެ އަސަރުކުރާނެކަން ގައިމެވެ.