ސްނޯފައިބައިފައިވާ ރަށުގެ ހިމަ ގޯޅިތަކުން އަހަރެން ހިނގަމުން ދިޔައީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތް މަގުތަކުގައި ވަނީ ނާމަންކަމެވެ. އިރުގެ އަލިކަމެއް ނެތް ދުނިޔެއިން ފެންނަނީ އަނދިރިކަމެވެ. ތެތް ފިނި ވައިރޯޅީގެ ހިމޭން އަޑު، ކަންފަތުގައި ބޫން އަޅުވަމުންދާއިރު ލޮލުގެ ކުރިމަތީ ވަނީ ފުސްކަމާއި ބަނަކަމެވެ. އެ ފުސްކަމުގެ ތެރެއިން އަހަރެން ހުއްޓުވީ މަތިމަތިން ފިނިހެދުން ލައިގެން ހުރި އަހަރެންގެ ލޯބިވެރިޔާއެވެ.

"ދެންމެއެއްނު ބުނީ ގޭގަޔޭ ހުރީ. ކުޑަކޮށް ބަލިވެޔޭ އުޅެނީ. ދެން ކިހިނެއް އެހައި އަވަހަށް މި ތަނަށް ތި އާދެވުނީ؟" ލިބުނު ހައިރާންކަމާއެކު އަހަރެންނަށް އަހައިލެވުނެވެ.

"މަޖުބޫރުވީ. ގޮތް ހުސްވީ. ރަށުގެ އެތައް ބަޔަކު ސިއްހީމަރުކަޒަށް ގެންދިޔަ ޚަބަރު ލިބުމުން އަހަރެން ވެސް ގޭގައި ހުންނަން ބޭނުންނުވީ. ބޮޑުދައިތަ ވެސް ހާލު ބޮޑުވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ ވާހަކަ ވެސް އަޑުއެހިން. އެހެންވީމާ މި ފިނީގައި ވެސް ހިތްވަރު ކުރަން އެބަ ޖެހެއެއްނު" އަހަރެންގެ ލޯބިވެރިޔާގެ އަޑުގައިވަނީ ވޭނީ އިހުސާސެވެ. ތުރުތުރު އެޅުމުގެ ތެރެއިން އެ ހަށިގަނޑު ހީކަރުވާފައިވާ މިންވަރު އަހަރެންނަށް ފާހަގަވިއެވެ. ނަމަވެސް އެ ބަސްތަކުން އަހަރެންނަށް ލިބުނީ އިތުރު ހިތްވަރެކެވެ. ލޯބިވެރިޔާގެ ކެރުމާއި ކެތްތެރިކަމަށް ކުރެވުނީ އިތުރު ތަޢުރީފެވެ.

"ތިޔައީ އަންހެނުންނަކީ. ހަގީގަތުގައި ވެސް އަހަރެންގެ ހިތުން ޖާގައެއް ހައްގުވާ ހަމައެކަނި މީހަކީ ތިޔައީ. އަހަރެންގެ ފުރާނަ ގުރުބާން ކުރާނީ ހަމައެކަނި ރޫމީއަށް" އަހަރެންގެ ވާހަކަ ނުނިމެނީސް ރޫމީގެ ވާހަކަ ފެށިއެވެ.

ތަޢުރީފަކީ ހުސްވާނެ އެއްޗެއް ނޫން. ހުސްވާނީ ހަމައެކަނި އަހަރެމެން. އަހަރެމެންނަކީ ވަގުތީ ބައެއް. މިއަދު އުޅެފައި މާދަމާއެއް ނުފެންނާނެ. މާދަމާ ފެނުނަސް އަނެއް ދުވަހުން ނުފެނިދާނެ. އެއީ ދުނިޔޭގެ އާދަ"

"ތިދައްކަނީ ކޮން ވާހަކައެއް؟" ރޫމީ ދައްކަން ފެށި ވާހަކަތަކުން އަހަރެންނަށް ސުވާލުކުރެވުނެވެ.

"މިއީ... މިދައްކަނީ ކަންކަން ދިމާވާ ގޮތުގެ ވާހަކަ. މަރަކީ އެއްވެސް ފަރާތަކަށް ހުއްޓުވޭނެ އެއްޗެއް ނޫން. މަރު އަންނާނެ ވަގުތެއް އަންނާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ" އަނެއްކާ ވެސް ރޫމީ ދެއްކީ ހަމަ ކުރީން ދެއްކި ވާހަކައެވެ.

"ތިކަން އަހަރެން ވެސް ގަބޫލުކުރަން. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ރޫމީގެ ބޮޑު ދައިތައަށް އަވަސް ޝިފާއެއް ލިބޭނެ. އަހަރެމެންނަށް އޮތީ ކެތްތެރިވުން. މިންވަރު ކުރައްވާ ގޮތަށް އީމާންވުން. ހިނގާދަމާ ސިއްހީ މަރުކަޒަށް" އަހަރެން އެދުނީ ސިއްހީ މަރުކަޒަށް ދާށެވެ.

"ކެތްތެރިވަނީ ބައެއް މީހުން. އަނެއް ބަޔަކަށް ކެތްކުރުމަކީ ކުރެވޭ ވަރުކަމެއް ނޫން. އަހަރެންނަށް ޔަގީން ސަމާހަށް ވެސް ކެތްނުކުރެވޭނެކަން" މަޑު ހިނގުމުގައި ކުރިއަށް ދިޔަ ރޫމީ ދައްކަމުން ދިޔަ ވާހަކަތަކުން އަހަރެންގެ ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ.

"ކޮންކަމަކާ އަހަރެންނަށް ކެތްނުކުރެވެންވީ؟ ކީއްވެ ތިހެން ތި ބުނީ؟" އަހަރެން ސުވާލުކުރީމެވެ.

"އަހަރެންނަށް ޔަގީން އަހަރެން ވަކިވާން ޖެހިއްޖެނަމަ ސަމާހަށް" ރޫމީ ދައްކަމުންދިޔަ ވާހަކަތައް އަހަރެން ހުއްޓުވީމެވެ.

(ނުނިމޭ)