(06 ސެޕްޓެމްބަރު 2018 އާ ގުޅޭ)

"އަހަރެންނަށް ޔަގީން އަހަރެން ވަކިވާން ޖެހިއްޖެނަމަ ސަމާހަށް" ރޫމީ ދައްކަމުންދިޔަ ވާހަކަތައް އަހަރެން ހުއްޓުވީމެވެ.

"މޮޔަވީތަ ރޫމީ؟ ކޮން ވާހަކައެއް މިހާރު ތިޔަ ދައްކަނީ؟ ކަމެއް ވާއިރަށް އޭގައި އޮންނަ އެންމެ ގޯސްގޮތަށް ވިސްނާކަށް ނުވާނެ" އަހަރެންނަށް ވާހަކަދެއްކުނީ ހިތްހަމަ ނުޖެހުމުގެ ރާގުގައެވެ.

"އަހަރެންނަށް އެނގޭ ސަމާހު ދެރަވާނެކަން. ރޯންވެސް ރޯނެކަން. އެއްވެސް މީހަކަށް ކަންކަން ވާނެ ގޮތެއް ނޭނގޭނެ. ތަގުދީރުގައި ކަންކަން ރޭވިފައިވާ ގޮތެއް ނުވިސްނޭނެ" ރޫމީގެ ވާހަކަތަކާއެކު އޭނާގެ އަޑު ބަދަލުވިއެވެ. އެ ގިސްލުމާއެކު ހިނގުންވެސް ހުއްޓުނެވެ. ވާހަކަތަކަށް ގެއްލިފައިވާ އަހަރެންނަށް، ދުނިޔެއަށް އަންނަމުން ދިޔަ ބަދަލުތަކެއް ނުވިސްނެއެވެ. ބޯމަތީގައިވާ ވިލާތަކުން ދެމުންދާ އިންޒާރުތަކާމެދު ވިސްނާލާނެ ވަގުތެއް ނުލިބުނެވެ.

އަހަރެންގެ ވާހަކަ ނުފެށެނީސް ދިމާ ބޯމަތިން ވިދާލި ގަދަ ވިދުވަރަކުން މުޅި ދުނިޔެ އަލިކޮށްލިއެވެ. ހީވީ ލޮލުތެރެއިން ކެމަރާއެއް ފުލެޝްކޮށްލިހެންނެވެ. ތިރީސް ސިކުންތައް ދިގުދެމިގެން ދިޔަ އެ ވިދުންގަނޑާއެކު އަހަރެންނަށް ދެ ލޯ މަރާލެވުނެވެ. ދެ ލޯ ހުޅުވައިގެން ހުންނަން އެސްފިޔަތައް ގަދަހެދީއެވެ. އެހިނދު ގައިގައި އައިސް ތަތްވީ އަހަރެންގެ ލޯބިވެރިޔާއެވެ. އެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. ނަމަވެސް އަހަރެންނަށް ހުރެވުނީ ޖަހަން ތައްޔާރުވެފައިވާ ގުގުރީގެ ބާރު އަޑުފަށްގަނޑަށް ވިސްނާށެވެ. އެ އަޑު ފެށިގެން އައީ މެދު އުޑުންނެވެ. މުޅި ދުނިޔެ މުގުރަމުން އައި އަޑުފައްގަނޑު އަހާކަށް އަހަރެންގެ ކަންފަތަކަށް ކުޅަދާނައެއް ނުވިއެވެ. އަހަރެންނަށް ތިރިވެވުނީއެވެ. ލޯބިވެރިޔާއާއެކު ބިންމަތީ އިށީނދެވުނީއެވެ.

ބާރު އަޑުފަށްގަނޑަކަށް ފަހު މުޅި ރަށު ތެރެ ހިމޭންކޮށްލިފަދައެވެ. އެއްވެސް ދިރުމަކަށް އަޑެއް އިއްވާލާން ނުކެރި، ހިނދުކޮޅަކަށް ހުއްޓުނު ފަދައެވެ. ވާނުވާ ނޭނގިފައިވާ އަހަރެންނަށް ލެވުނު ފުންނޭވާޔާއެކު ޝަހާދާތް ކިޔައިލެވުނެވެ. އަދި ދެލޯ ހުޅުވާލެވުނެވެ.

ލިބުނު ހައިރާންކަމާއެކު ރޫމީ ކޮބައިތޯ އަހަރެންނަށް ބަލައިލެވުނެވެ. ވަށައިގެން ހޯދައިލެވުނެވެ. ރޫމީ ނުހުންނަންވީ ކީއްވެ ހެއްޔެވެ؟ އޭނާ ނެތީ ކީއްވެބާއެވެ؟ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ސިކުނޑިއަށް ގަބޫލުކުރަން އުނދަގޫވިއެވެ. އެހެން ވާންވި ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ވިސްނާވިސްނާވެސް ނޭނގުނެވެ. ހަމަ ހުރެވުނީއެވެ. ހަދަންވީ ގޮތް ހަނދާން ނެތިފައެވެ.

އިރުކޮޅަކު ހުރުމަށްފަހު އަވަސްވެފައިވާ ހިތުގެ ވިންދާއެކު އަހަރެންގެ ފައި ހަރަކާތްކުރުވީ ރޫމީމެން ގެއާ ދިމާއަށެވެ. ނޫނެކެވެ. އޭނާ ވާނީ ސިއްހީ މަރުކަޒުގައެވެ. އަހަރެންގެ ހިތާއި ސިކުނޑި އަރާރުންވާން ފެށިއެވެ. ދެފިކުރުގައި ހުރެ ހިނގައިގަންނަން ދެފަޔަށް މަޖުބޫރުވިއެވެ. ހިތުގެ ހާސްކަން އިތުރުވާން ފެށިއެވެ. ރޫމީއަށް އެވީ ކިހިނެއް ހެއްޔެވެ؟ އެހައި އަވަހަށް ގެއިން ނުކުމެގެން އައީ ކިހިނެއް ހެއްޔެވެ؟ އެހައި އަވަހަށް އެ ގެއްލުނީ ކޮންގޮތަކަށް ހެއްޔެވެ؟ ގަބޫލު ނުކުރެވުނަސް ހިތުން ގަބޫލުކުރަން ޖެހުނެވެ. ލޮލުގެ ކުރިމަތީ ފެނުނުކަންކަން ދޮގުކުރާކަށް ހިތަކަށް ނުކުރެވުނެވެ. އެހެން ނަމަވެސް ރޫމީ އެ ދެއްކި ވާހަކަތައް އެ ދެއްކީ ކީއްވެ ބާއެވެ؟ މީގެ ކުރިން ނުދައްކާ ޒާތުގެ ވާހަކަތަކެއް އެ ދެއްކީ ކޮން ބޭނުމެއްގައި ބާއެވެ. ޚިޔާލުގެ ކަނޑަކަށް ޣަރަގުވަމުން ދިޔަ އަހަރެންނަށް މަޑުކޮށްލެވުނީ ރޫމީމެންގޭގެ ދޮރުމަތީގައެވެ.

ލައްޕާފައިވާ ދޮރުގެ ތަޅުގައި ހިފައި އަހަރެން އަނބުރާލީމެވެ. ނަމަވެސް މާ ރަނގަޅަކަށް ހިފޭ ގޮތެއް ނުވިއެވެ. އަތަށް ލައްވާފައިވާ އަންގި ނަގައި ދެވަނަ ފަހަރަށް ހިފާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. އެ ހުޅުވުމާއެކު ގޭތެރެއަށް އަހަރެންނަށް ވަދެވިއްޖެއެވެ. ރޫމީއަށް ގޮވާލެވިއްޖެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެއްވެސް މީހަކު އުޅޭހެން ވެސް ހިއެއް ނުވިއެވެ.

ހާސްވެފައިވާ އަހަރެންނަށް ހިނގައިގަނެވުނީ ރޫމީގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރާ ހަމަވެ، ރޫމީއަށް ގޮވާލީމެވެ. މަޑުމަޑު އަޑަކުން ރޫމީ ކުކުރޭއަޑު އެތެރެއިން އިވެންފެށިއެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލައި އެތެރެއަށް ދެމިގަތީމެވެ. ލިބުނީ އިތުރު ހާސްކަމެކެވެ. ރޫމީ އޮތީ މުޅި ގައިގައި ހުދު، ބޯ ރަނޖާގަނޑެއް އޮޅާލައިގެންނެވެ. ކަފުންކޮށްފައިވާ މައްޔިތެއް ފަދައިންނެވެ. މުޅި ކޮޓަރީގައި ވެސް ދުވަނީ ކާފޫރު ވާހެވެ.

"ކިހިނެއްވެފައި ތި އޮތީ؟ ކިހިނެއް އެހައި އަވަހަށް ގެއަށް އައީ؟ ކޮން ވަހެއްތަ އެދުވަނީ؟" ހިތަށް އަރަމުން ދިޔަ ސުވާލުތައް އަހަރެން ކުރަމުންދިޔައީމެވެ. ނަމަވެސް ރޫމީ އޮތީ ހަރަކާތް ހުއްޓިފައިވާ މައްޔިތަކު ފަދައިންނެވެ.

"ރޫމީ ވާހަކަދައްކަބަލަ؟ އިރުކޮޅެއް ކުރިން ބޮޑުމަގުގައި ހުރީމެއްނު. ގުގުރި ޖެހިއިރު އަހަރެންގައި ބައްދައިގަތީމެއްނު. ކޮން ކަމެއްތަ މި ހިނގަނީ؟ ކިހިނެއްތަ މިވަނީ؟" ލިބުނު ހައިރާންކަމާއެކު ބާރުބާރަށް އަހަރެންނަށް ހަޅެއްލަވައި ގަނެވުނެވެ. އަޑުގައި ނެތްތަނަށް ރޮއިގަނެވުނެވެ. ހާސްކަމާއެކު ތެޅިގަނެވުނެވެ.

"އޭތް އޭތް... ކިހިނެއް ތިވަނީ؟ ސަމާހު. ތެދުވެބަލަ؟" ނިންޖަށް މަރުވެފައި އޮތް އަހަރެންނަށް ހޭލެވުނީ މަންމަ ގޮވަން ފެށުމުންނެވެ.

"ބޭރުގައި އެބައިން ރޫމީ އައިސް. އަދިވެސް ތި އޮންނަނީ ނިދާފައި" މަންމަ ބުނި ޖުމުލައިން އަހަރެންގެ ދެފައި ކޮޅަށް ޖެހުނެވެ. ފެނުނު ހުވަފެނާމެދު ވިސްނާލެވުނެވެ. ރޭ ދެއްކި ވާހަކަތަކުން ލައްކަ އަސަރު ކުރިކަން ގަބޫލުކުރެވުނެވެ. ހުވަފެނަކީ ބިލާހެއްކަން ޔަގީން ކުރެވުނެވެ.

(ނިމުނީ)