ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ޖަލުގައި ތިބި ގައިދީންނަށް ލިބޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލޭގެ މައްޗަންގޮޅީ ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ ޖަލަށް މީހަކު ލުމުންވެސް ލިބެނީ އަނިޔާއެއް ކަމަށެވެ. ޖަލަށް ލުމަށް ފަހު ޖެހޭ ބަލިތަކާއި ސިއްހީ އެހެނިހެން ކަންކަމަށް ރަނގަޅު ފަރުވާއެއް ނުލިބި މީހާގެ ފުރާނަޔަށް ގެއްލުންވާ ހިސާބަށްވެސް ދާކަމުގެ ޝަކުވާ އާއިލާތަކުން ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި ސަރުކާރުގެ އިދާރާތަކަށް ފޮނުވާ ސިޓީތަކުގެ ޖަވާބު ލިބުން ލަސްވާ ކަމުގެ ޝަކުވާ ވަރަށް ބޮޑު ކަމަށެވެ. އާސަންދައިގެ އެހީއަށް އެދިގެން ސިޓީ ފޮނުވާ މީހުންގެ ސިޓީގެ ޖަވާބު ނުލިބި އިތުރު ގިނަ ދުވަސްތަކެއް ބޭކާރުވެ ބަލިމީހާގެ ހާލު އިތުރަށް ދެރަވާ ފަދަ ކަންކަމާވެސް ދިމާވެފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިއަދުގެ ދޮރުންދޮރަށް ހަރަކާތުންވެސް ބައްދަލުވީ އަމިއްލަ ތަނަވަސްކަންމަތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ވަރުގެ ރައްޔިތުންނާ ނޫން ކަމަށެވެ. އާސަންދައަށް އެދި ސިޓީ ހުށަހެޅުމުންވެސް އެތައް ދުވަހެއް ފަހުން ލިބެނީ ވަރަށް ހިތްދަތި ޖަވާބެއް ކަމަށެވެ. ބަލިމީހާގެ ޓިކެޓާއި އެކު ޖުމްލަ ދެމީހެއްގެ ޖާގަ ހަމަޖައްސައިދޭން ޖެހޭއިރު ދޫކުރަނީ އެންމެ ޖާގައެއް ކަމަށާއި މިއީ ރައްޔިތުމީހާގެ ސިއްހީ ފަރުވާއަށް އާސަންދަ ލިބެންޖެހޭ ގޮތް ނޫން ކަަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އާސަންދައިގެ ޚިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްވާނެ ކަމަށެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދޭނީ ހަމައެކަނި އެއްކޮޅު ޓިކެޓު ނޫން ކަމަށާއި ބަލީމީހާ ފަރުވާ ހޯދުމަށް ގޮސް ފަރުވާ ލިބިގަނެ ރަނގަޅު ސިއްހަތެއްގައި އާއިލާއާ ބައްދަލު ކުރާނެ ކަންވެސް ޔަގީން ކުރައްވާނެ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ އިއްޔެއާއި މިއަދުގެ ދޮރުންދޮރަށް ހަރަކާތުންވެސް ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާއަށް ރައްޔިތުންގެ ތަރުހީބު އޮތް މިންވަރު ފެނިގެން ގޮސްފައިވާ ކަމަށެވެ. ބައްދަލުވި ހުރިހާ ރައްޔިތުންވެސް ތިބީ ޖަލްސާގެ އިންތިޒާރުގައި ކަމަށް ވިދާޅުވިއެވެ.

މާލެއާއި މާލެ ކައިރީ ރަށްރަށުންވެސް ކުރިޔަށް އޮތް ބޮޑު ޖަލްސާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފައިސަލް ވިދާޅުވިއެވެ.