ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ހއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގަތުމުން ކަނޑުމަތިން ވެސް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހއ. ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގަތީ މިއަދު އިރުއޮއްސުނު ވަގުތެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މަސްދޯނިފަހަރާއި ލޯންޗުތަކާއި ޑިންގީތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ނުކުމެފައެވެ. މީގެ އިތުރަށް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު މައްޗަށް ވެސް ގިނަ އަދަދެއްގެ މީހުން ނުކުތެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ހއ. އަށް ކުރައްވާ މިދަތުރުފުޅުގައި ތަކަންދޫއާއި މާރަންދޫއާއި އުތީމާއި ކެލައަށް ވެސް މިއަދު ވަނީ ވަޑައިގެންފައެވެ. އެރަށްތަކުގެ ރައްޔިތުން ވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިދަތުރުފުޅުގައި އިއްޔެ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހއ.މޮޅަދޫ، ތުރާކުނު، އުލިގަމު، އިހަވަންދޫ އައި ހޯރަފުއްޓަށް ވަޑައިގެންފައެވެ. އަދި މާދަމާ ވަށަފަރު، ބާރަށް، ފިއްލަދޫ، މުރައިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ މިދަތުރުފުޅުގެ ތެރެއިން ރޭ ވަނީ ހޯރަފުށީގައި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއް ބާއްވާފައެވެ. އަދި މިރޭ ދިއްދޫގައި ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.