ކޮރަޕްޝަންގެ އެތައް މައްސަލަތަކަކާ ގުޅިގެން ދެކުނު ކޮރެއާގެ ކުރީގެ ރައީސް ލީ މިޔުންގް-ބަކް 20 އަހަރަށް ޖަލަށްލުމަށް، ދައުލަތުގެ ޕްރޮސެކިއުޓަރުން ކޯޓުގައި އެދިވަޑައިގެންފިއެވެ.

ދައުލަތުގެ ޕްރޮސެކިއުޓަރުން މިކަމަށް އެދިވަޑައިގެންނެވީ، ކުރީގެ ރައީސް ލީ މިޔުންގް-ބަކްގެ މައްޗަށް ހިންގުނު ޝަރީއަތުގެ މިއަދު ބޭއްވި އެންމެފަހު އަޑުއެހުމުގައެވެ.

20 އަހަރަށް ޖަލަށްލުމުގެ އިތުރުން، ކުރީގެ ރައީސް 15 ބިލިއަން ވޮން (13.3 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށް އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލަށް އޭނާގެ އަތުން 11.1 ބިލިއަން ވޮން (9.9 މިލިއަން އެމެރިކާ ޑޮލަރު) ނަގައިދިނުމަށްވެސް ދައުލަތުގެ ޕްރޮސެކިއުޓަރުން ކޯޓުގައި އެދިވަޑައިގެންފައި ވެއެވެ.

ދެކުނު ކޮރެއާގެ ރައީސްކަން ލީ މިޔުންގް-ބަކް ކުރައްވާފައިވަނީ 2008 ވަނަ އަހަރުން ފެށިގެން 5 އަހަރުގެ މުއްދަތަށެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ދެކުނު ކޮރެއާ ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ މާޗްމަހުއެވެ.

ކުރީގެ ރައީސް ލީ މިޔުންގް-ބަކްގެ މައްޗަށް 16 ދައުވާއެއް އުފުލުނުއިރު، އޭގެ ތެރޭގައި ރިޝްވަތު ހިއްޕެވުމާއި، އޮޅުވާލެއްވުމާއި، މަގާމުގެ ނާޖާއިޒް ފައިދާ ނެންގެވުމުގެ ކުށުގެ ތުހުމަތުވެސް ހިމެނެއެވެ.

އުމުރުފުޅުން މިހާރު 76 އަހަރުގެ ކުރީގެ ރައީސް ލީ މިޔުންގް-ބަކް އެހެން މީހެއްގެ ނަމުގައި ހިންގަވާ އޮޓޯޕާޓްސް ކުންފުންޏަކުން އެތައް މިލިއަން ޑޮލަރެއް ލިބިގަތުމުގެ ދައުވާވެސް ހިމެނެއެވެ. މިކުންފުންޏަކީ ސީދާ ލީގެ ކުންފުންޏެއް ކަމަށް ވެއެވެ.

މީގެއިތުރުން، ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިންނާއި، ސެމްސަންގ އިލެކްޓްރޯނިކްސްއިންނާއި، ދައުލަތުގެ ބޭންކިންގް ގްރޫޕްގެ ވެރިޔާގެ އަތުންނާއި އަދި ސިޔާސީ މީހެއްގެއަތުން ރިޝްވަތު ނެންގެވުމުގެ ކުށުގެ ދައުވާވެސް ކުރީގެ ރައީސް ލީގެ މައްޗަށް އުފުލުނެވެ.

މިކަންކަމުގެ އިތުރުން، ލީ މިޔުންގް-ބަކް ރިޔާސީ ދައުރު ނިންމަވާލައްވައި ރައީސްކަމުން ވަކިވެވަޑައިގެންނެވިއިރު، ރިޔާސީ ގަނޑުވަރު ބްލޫ ހައުސްގައިހުރި ނާޒުކު ރިޔާސީ ލިޔެކިއުންތަކެއް ގާނޫނާ ޚިލާފަށް އޭނާގެ އަމިއްލަ ގެކޮޅަށް ގެންދެވިކަމުގެ ދައުވާވެސް ލީއާ ދެކޮޅަށް އުފުލުނެވެ.

ޝަރީއަތުގައި ދައުލަތުގެ ޕްރޮސެކިއުޓަރުން ވިދާޅުވެފައިވަނީ، ލީ މިޔުންގް-ބަކް ވެރިކަމުގައ ހުންނެވިއިރު، އަމިއްލަފުޅު މަސްލަހަތު ހިމެނޭ ކަންކަން ކުރެއްވުމަށް ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތަކާއި، ބާރުތަކާއި، ނުފޫޒުތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށެވެ.

ކުރީގެ ރައީސްގެ މައްޗަށް ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުގައި ހިންގި ޝަރީއަތުގެ އެންމެފަހު އަޑުއެހުން މިއަދު ބޭއްވިނަމަވެސް، ކޯޓުން އަދި ހުކުމް އިއްވާފައެއް ނުވެއެވެ.