ވަޒީފާގެ ބިރުވެރިކަމާހެދި ފާޅުގައި ނުކުމެ ގުޅިފައިވާ ޕާޓީތަކަށް ކެމްޕޭންކުރައްވަން ކެރިވަޑައި ނުގަންނަވާ ބޭފުޅުންވެސް ވޯޓުން ނަތީޖާ ނެރެދިނުމަށް ޖުމުހޫރީޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ ޖުމުހޫރީ ވިންދުގެ ފަރާތުން މިހާރު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި އއ ފެރިދޫއަށް ވަޑައިގެން ފެރިދޫ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އައިޝާގެ ވާހަކަފުޅުގައި ވިދާޅުވީ އެބޭފުޅުން ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ރައްޔިތުންެގެ ފަރާތުން ބޮޑު ތާއީދެއް ލިބެމުންދާކަމަށެވެ. އެހެން ނަަމަވެސް ވަޒީފާގެ ބިރުވެރިކަމުގައި ގުޅިފައިވާ ޕާޓީތަކަށް ތާއީދު ކުރާކަން ހާމަކުރަން ކެރިވަޑައި ނުގަންނަވާ ބޭފުޅުން ވެސް އެބަތިއްބެވި ކަން ފާހަގަކުރެއްވިއެވެ.

އައިޝާ ވިދާޅުވީ އެބޭފުޅުންގެ ފަރާތްޕުޅުންވެސް އެކަމަނާ އެދިވަޑައިގަންނަވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑީޑޭޓު އިބުރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޭނުން ވަނީ ބޮޑު މަރުހަބާއެއް ވެސް ނޫން، އަޅުގަނޑުމެންނަށް ބޭނުންވަނީ ވޯޓު. އަޅުގަނޑުމެން މިކުރާ އިސްލާހީ މަސައްކަތުގައި ތިޔަ އެންމެ ބޭފުޅުންގެ އެއްބާރުލުން އަޅުގަނޑުމެން ނިހާޔަތަށް ބޭނުން." ނަހުލާ ވިދާޅުވިއެވެ.

ފެރިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި މަތިވެރިދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފެރިދޫއަކީވެސް ގުޅިފައިވާ ޕާޓީތަކަށް ބޮޑު ތާއީދެއް އޮތް ރަށެއް ކަމަށެވެ. އަދި އއ އަތޮޅުގެ ރައްޔިތުން ނުކުމެ މިއަނިޔާވެރިކަން ނިންމާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ސޯލިޙަށް ތާއީދު ހޯއްދެވުމަށް، ޖުމުހޫރީ ވިންދުގެ ކެމްޕޭން ޓީމާއި އެކު ޖޭޕީގެ ކައުންސިލް މެމްބަރު އަދި ޤާސިމް އިބުރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އއ އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންވެސް ވަނީ އެކަމަނާ އަށާއި އެދާއިރާގެ މެމްބަރަށް އަދި ކެމްޕޭން ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މަތިވެރީގައިވެސް އައިޝާ ވަނީ ރައްޔިތުންނާއި ބައްދަލު ކުރައްވައި ހާލު އަހުވާލު އޮޅުން ފިލުއްވާލައްވާފައެވެ.

ޖުމުހޫރީ ވިންދުގެ މިދަތުރުގައި މިއަދު އެންމެ ފަހު ރަށެއްގެ ގޮތުން އައިޝާ އާއި ކެމްޕޭން ޓީމު ވަޑައިގަތީ އއ ބޮޑުފޮޅުދޫއަށެވެ.

އެރަށުންވެސް އެބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، އައިޝާ ވަނީ ރައްޔިތުންނާއި ބައްދަލު ކުރައްވައި ހާލު އަހުވާލު އޮޅުން ފިލުއްވާފައެވެ.