ރިޔާސީ އިންތިޚާބުގައި ވޯޓްލާ ދުވަސް އަންނައިރު ރައީސް ޔާމީން އަރިހުގައި ތިބޭނީ މަދުބައެއް ކަމަށް، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހއ. ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ގުޅިފައިވާ ކޯލިޝަނަށް ތާއީދުކުރުމުން ނުވަތަ ތާއީދުކުރާތީ މީހުން ވަޒީފާއިން ވަކިކޮށް، ވަޒީފާ ބަދަލުކުރުމަކީ ރައީސް ޔާމީން ކުރައްވާ އެއްވެސް ތާކުންތާކުނުޖެހޭ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވެވަޑައި ގަންނަވާ ފުވައްމުލަކު މެދުދާއިރާގެ މެމްބަރު އަލީ ފަޒާދު، އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމުން ޕީޕީއެމުން މިއަދު އޭނާ ޕާޓީން ވަކިކުރިކަން ފާހަގަ ކުރައްވައި އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، މިއަދު ފަޒާދު ވަކިކުރިޔަސް މާދަމާ އިތުރު މެމްބަރުންތަކެއް އިދިކޮޅަށް ވަޑައިގަންނަވާނެ ކަމަށެވެ. ސަރުކާރު މުވައްޒަފުންނާއި، ސަރުކާރަށް ނިސްބަތްވާ އިތުރު ފަރާތްތައްވެސް އަންނާނޭ ކަމަށާއި، އިދިކޮޅު ކޯލިޝަނާ ގުޅޭނޭ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، 23 ސެޕްޓެމްބަރު އަންނައިރު ރައީސް ޔާމީންގެ އަރިހުގައި ތިބޭނީ މަދުބައެއް ކަމަށް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ އެމަނިކުފާނު، ރައީސް ޔާމީނާ ކުރައްވާ ޗެލެންޖެއް ނޫން ކަމަށާއި، ސަބަބަކީ، އިންތިޚާބު ކާމިޔާބުކުރަން ނުކުމެތިބީ ރައްޔިތުން ކަމަށެވެ.

"އިންތިޚާބު ބޯމަތިވަމުން އަންނައިރު ވަރަށް ގިނަ ބަދަލުތައް އެބަ އާދޭ. ސަރުކާރުގެ މުވައްޒަފުން ވަފާއިން ވަކިކުރަމުން ބަދަލުކުރަމުން އެބަގެންދޭ. އަޅުގަނޑު ދަންނަވާނީ ކިތަންމެ ވަރަކަށް ވަޒީފާއިން ވަކިކުރިޔަސް، ވަޒީފާ ބަދަލުކުރިޔަސް މިކަމަކަށް ހުއްޓުމެއް ނާންނާނެ" އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ވެރިރަށް މާލެއާއި، އަތޮޅުތެރޭގެ ރަށްރަށުގެ މަގުތައް ނާމާންވެފައިވާ ކަމަށާއި، މާލޭގެ މަގުތައްމަތީގައިވެސް އެތައްބަޔަކު މަރާލާފައިވާ ކަމަށެވެ.

ރައްޔިތުންގެ ފައިސާ ބޮޑުތަނުން ވަގަށް ނަގައިފި ކަމަށާއި، އެއްވެސް ރައްޔިތަކަށް އިންސާފެއް ނުލިބޭ ކަމަށާއި، ރައްޔިތުން ޚިދުމަތެއް ހޯދަންޖެހެނީ ސަރުކަރަށް އާނއެކޭ ބުނެގެން ކަމަށްވެސް އިބޫ ވިދާޅުވިއެވެ.