ރައީސް ޔާމީން ސިޔާސީގޮތުން އެކަނިވެރިވެއްޖެކަމަށާ އިއްތިހާދުގެ ބޮޑު ފަޅިއާއި ހުރިހާ ރައްޔިތުންވެސް ގުޅުމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ގޮވާލައްވައިފިއެވެ.

އިއްތިހާދުން ހއ ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަނާރާ ނައީމް ވިދާޅުވީ އިންތިޚާބުގައި ވޯޓްލައިގެން ރަނގަޅު ވެރިއަކު ގައުމުގެ އިސްވެރިއަކަށް އިޚްތިޔާރުކުރުމަކީ ވަރަށް މުހިންމު ޒިންމާއެއްކަމަށެވެ.

އިސްލާމީ ގައުމަކަށް ވެރިއަކު އިންތިޚާބުކުރުމަށް ވޯޓް ނަގާއިރު، ރައްޔިތުން ވިސްނަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއްވާކަން ފާހަގަކުރައްވާ ދީނީ އިލްމުވެރިޔާ އަނާރާ ނައީމް ވިދާޅުވީ ވެރިއަކަށް އިންތިޚާބުކުރާ ބޭފުޅަކީ މުޖްތަމައު އިސްލާހުކުރުމަށް މަސައްކަތްކުރާ ބޭފުޅެއްތޯ ބަލަންޖެހޭކަމަށާ އެއީ ވެރިމީހާއަކީ އިސްލާހަށް ލޯބިކުރާ ބޭފުޅަކަށްވާންޖެހޭނެކަމަށެވެ.

އަދި ވެރިމީހާއަކީ ރައްޔިތުން ދެކެ ވަރަށް ލޯބިވާ އޯގާތެރި ބޭފުޅަކަށްވާންޖެހޭކަމަށާ ވަރަށް އަދުލްވެރި، ރައްޔިތުންނާއިމެދު ހަމަހަމަކޮށް ކަންކަން ކުރާ ބޭފުޅަކަށްވާންޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މިސިފަތައް ހުރި ބޭފުޅަކީ އިބްރާހިމް މުހައްމަދު ސާލިހްކަން ފާހަގަކުރައްވާ އަނާރާ ވަނީ އިބޫއަށް ވޯޓްދެއްވުމަށް ގޮވާލައްވާފައެވެ.

އިބްރާހިމް މުހައްމަދު ސާލިހާއި ވާދަކުރަން ހުންނެވި ކެންޑިޑޭޓްގެ ކިބައިން މިއިން އެއްވެސް ސިފައެއް ނުފެންނަކަން ފާހަގަކުރައްވާ އަނާރާ ވިދާޅުވީ އަބަދުވެސް ޝަކުވާ އިވެނީ ނުހައްގުން އަނިޔާދެމުންދިއުމާއި، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ނުގެންގުޅުމުގެ ޝަކުވާކަމަށެވެ.

ރައީސެއްގެ ކިބާގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ މާތްﷲގެ އެންގެވުމުންތަކުގެ އަޑުއައްސަވާ ރައްޔިތުންގެ އަޑުއެހުންކަމަށް ވިދާޅުވެ އިބްރާހިމް މުހައްމަދު ސާލިހަކީ އެފަދަ ބޭފުޅެއްކަމަށް އަނާރާ ވިދާޅުވިއެވެ.

"އެހެންކަމުން މިއަދު މުޅި ރާއްޖޭގައިވެސް އެންމެ ގިނަ ރައްޔިތުން ތާއީދުކުރާ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސާލިހު." އަނާރާ ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ވަރަށް އެކަހެރިކޮށް ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވާ އަނާރާ ވިދާޅުވީ 4 އަހަރު އެކުގައި އޮތް އެމްޑީއޭވެސް ޔާމީން ދޫކޮށްލައިފިކަމަށެވެ. އެހެންކަމުން މިއީ ބޮޑުފަޅި އިޚްތިޔާރުކުރަންވީ ވަގުތުކަމަށް ވިދާޅުވެ އަނާރާ ވަނީ ހުރިހާ ރައްޔިތުން އިއްތިހާދާއިއެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.