ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ފުލުހުންގެ އިދާރާ ތެރޭގައި އިންސާފުވެރިކަން ގާއިމު ކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ މާފަންނު ހުޅަނގު ދާއިރާގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅުމަށް ފުލުހުން މަސައްކަތް ކުރާކަން ފާހަގަވެފައިވާ ކަމަށެވެ. ވަޒީފާގެ ބިރާއި ޕްރޮމޯޝަން ފަދަ ކަންކަމަށް އެދި ގާނޫނުން ލިބިދޭ ހައްގެއް ނޫން އެހެން ކަމެއް ނުކުރުމަށް ފައިސަލް ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.

ފައިސަލް ވިދާޅުވީ އިއްތިހާދުގެ އަމާޒަކީ ފުލުހުންނާ ވަރަށް ގާތްކޮށް މަސައްކަތް ކުރުން ކަމަށާއި ފުލުހުންނަކީ އިއްތިހާދުން ވަރަށް ލޯބިވާ ބައެއް ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ ތެރެއިން މަދު ބައެއްގެ ސަބަބުން ރައްޔިތުން ކުރިމަތީގައި ފުލުހުންގެ އަގުވެއްޓި އިތުބާރު ގެއްލިފައިވާ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، އެ މުއައްސަސާ ހިންގަން އެކަށީގެންވާ ބަޖެޓެއް ހޯދައިދީ، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ފަދަ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާގައި ބައިވެރިވުމަށް ގޮވާލުމަށްޓަކައި ރޭ ވަނީ މާލޭގައި ހުންނަ ހުވަދޫ އަޓިގެއާ ޖަގަހައިގައިވެސް ކަންމަތީ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ސިޔާސީ ކަމެއްގައި ނުހައްގުން ބަންދުކުރާ މީހެއްނަމަ އެމީހެއްގެ މައްޗަށް ހުކުމް އިއްވާ އަނިޔާވެރިވުމަށް ހަފްތާއެއްވެސް ނުނަގާ ކަމަށެވެ.ބ އެހެން ނަމަވެސް ފާއިތުވެދިޔަ 5 އަހަރަށް ބަލާއިރު ރާއްޖޭގައި އެތައް ބަޔަކު މަރާލައި، ވާނުވާ ނޭނގި ގެއްލިފައިވާތާ އެތައް ދުވަހެއް ވެފައިވާއިރުވެސް އެމީހުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި މާރާމާރީއާއި ވައްކަމާއި ފޭރުން އަދި މީހުން މެރުމާއި ގެއްލުވާލުން ފަދަ ބޮޑެތި ކުށްތައް މިހާ ގިނަ ވާންވީ އަދި އެ ކަންތައްތައް ނުހުއްޓުވޭންވީ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ ބޮޑު ޖަލްސާއަށް އައުމަށް މާލެއާއި މާލެ ކައިރީ ރަށްތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ތިން އަހަރަށްފަހު ލިބުނު މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ހެޔޮ ބަދަލަކަށް އެދިގެން ތިބި ހުރިހާ ރައްޔިތުންވެސް ވަޒީފާއާއި އެހެނިހެން ކަންތަކުގެ ބިރަށް ފަސްނުޖެހި ޖަލްސާއަށް ގޮސް ގުޅިފައިވާ އިއްތިހާދަށް އޮތް ތާއިދު ދައްކައިދިނުމަށް ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.