މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ގުޅިފައިވާ އިއްތިހާދުގެ ލީޑަރުން ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ މާފަންނު ހުޅަނގު ދާއިރާގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިފާ ވިދާޅުވީ މާލޭގެ މަގުތައް ތޮއްޖެހި ރައްޔިތުންނަށް ހިނގާ ބިނގާވެ އުޅެން ދަތިވުމުގެ އިތުރަށް މާލޭގެ ރައްޔިތުން ދިރިއުޅެނީ ކުދި ކުދި ކޮށިތަކެއް ފަދަ ތަންކޮޅުގައި ވަރަށް ދަތި ހާލުގައި ކަމަށެވެ.

ޝިފާ ވިދާޅުވީ މާލޭ ސިޓީ ކައުސިލްގެ ބޭފުޅުންނާއި ގުޅިފައިވާ އިއްތިހާދުގެ ލީޑަރުން އަންނަނީ ކެނޑިނޭޅި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ކަމަށާއި ދިރިއުޅުމުގެ ދަތިތަކާ ބެހޭ ގޮތުން ރައްޔިތުންގެ ހުރި ބޮޑެތި ޝަކުވާތައް ހުރީ ލިސްޓު ކުރެވިފައި ކަމަށެވެ. މި ޝަކުވާތަކަށް ހައްލެއް ގެނެވޭނީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ސިޓީ ކައުންސިލަށް ލިބެންވާ ބާރުތައް ހޯދައިދީގެން ކަމަށާއި އެކަން އެގޮތަށް ކުރާނީ ގުޅިފައިވާ އިއްތިހާދުގެ ސަރުކާރުގައި ކަމަށް ވިދާޅުވިއެވެ.

ޝިފާ އިތުރަށް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ޒުވާނުންނަކީ ހުނަރުވެރި ގައުމަށް ޚިދުމަތްތެރި ބަޔަކަށް ހައްދަވައިދެއްވާނެ ކަމަށާއި އިއްތިހާދުގެ މައިގަނޑު މަގްސަދަކީ ކޮންމެ ރައްޔިތަކީވެސް އަމިއްލަ ފައި މައްޗަށް ތެދުވެ ހުރި މީހަކަށް ހެދުން ކަމަށެވެ.