ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު މާލޭގެ މާފަންނު މެދު ދާއިރާގެ ގެތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމުގައި ފައިސަލް ވިދާޅުވީ ދޮރުން ދޮރަށް ހަރަކާތުން ވަރަށް ބައިވަރު ނުކުޅެދުންތެރިކަން ހުރި މީހުން އަދި ތުއްތު ކުދިންނާވެސް ބައްދަލުވެއްޖެ ކަމަށެވެ. އެ ކުދިން ނިސްބަތްވާ އާއިލާތަކުގެ ޝަކުވާއަކަށް ވެފައިވަނީ އެކަށީގެންވާ ހާއްސަ ފަރުވާ އެފަދަ ކުދިންނަށް ހޯދައި ނުދެވުމާއި އެފަދަ މީހުންގެ ކުރި އެރުމަށް ފުރުސަތުތައް ނުލިބޭކަމުގެ ޝަކުވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ އެއް އާއިލާއެއްގައި ދެތިން ނުކުޅެދޭ ކުދިން ތިބި އާއިލާތަކާއިވެސް ބައްދަލުވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މައިންބަފައިން ތިބެނީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަން ނުދެވި ގޭގައި އަތްފައި ބަނދެވިފައި ކަމަށެވެ. އަދި އެފަދަ އާއިލާތަކަށް އެކަށީގެންވާ ހާއްސަ އެހީއެއް ފޯރުކޮށްނުދީ ދިރިއުޅުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންންގެ އާއިލާތަކަށް އިތުރު އެހީ ފޯރުކޮށްދީ އެކުދިންގެ ފަރުވާއަށް ބޭނުންވާ ހާއްސަ ތެރަޕީތައް މާލެއާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުން ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ މިއަދުގެ ދޮރުން ދޮރަށް ހަރަކާތުންވެސް ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑަށް ފާހަގަވިކަމަށެވެ. އަދި އުސޫލުގައި ކަނޑައެޅިފައި ވާގޮތަށް ރައްޔިތުންނަށް ފްލެޓުތައްދީ ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބިފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް މިއަދުވެސް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކމެއްގައި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.