ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް މާލެވަޑައިގެންފިއެވެ.

އިބްރާހިމް މުހައްމަދު ސާލިހް ހއ އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަނީ ވަޑައިގެންފައެވެ. ތިން ދުވަހުގެ މުއްދަތަށް ހއ ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ މުރައިދޫއަށެވެ. އެއަށްފަހު ތުރާކުނު، އުލިގަމް، އިހަވަންދޫ އަދި ހޯރަފުއްޓަށް ވަނީ ވަޑައިގެންފައެވެ.

ދެވަނަ ދުވަހުވެސް ހއގެ ފަސް ރަށަކަށް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވަޑައިގެންފައެވެ. އެގޮތުން އެދުވަހުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ހއ ތަކަންދޫއަށެވެ. އެއަށްފަހު މާރަންދޫ، އުތީމު، ކެލާ އަދި ދިއްދޫއަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ.

ތިންވަނަ ދުވަހު އިބްރާހިމް މުހައްމަދު ސާލިހް ވަޑައިގެންފައިވަނީ ހއ ވަށަފަރު، ބާރަށް، ފިއްލަދޫ އަދި މުރައިދޫއަށެވެ.

މި ހުރިހާ ރަށަކުންވެސް އިބްރާހިމް މުހައްމަދު ސާލިހަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ކޮންމެ ރަށަކުންވެސް އެތަށް ބަޔަކު ވަނީ ބަދަރުމައްޗަށް ނިކުމެ އިބްރާހިމް މުހައްމަދު ސާލިހަށް މަރުހަބާ ވިދާޅުވެފައެވެ.