ޕެރެގުއޭއިން ގުދުސްގައި ހުޅުވި އެމްބަސީ އަލުން ތެލްއަވީވަށް ބަދަލުކުރަން ނިންމި ނިންމުން ބަދަލުކުރުމަށް އެމެރިކާއިން ޕެރެގުއޭއަށް ފިއްތުންތައް ކުރިމަތި ކުރަމުން އެބަގެންދެއެވެ.

މިމައްސަލާގައި އެމެރިކާގެ ނާއިބް ރައީސް މައިކް ޕެންސްވަނީ ޕެރެގުއޭގެ ރައީސް މާރިއޯ އަބްދޮއަށް ފޯނުން ގުޅުއްވައި ވާހަކަފުޅުވެސް ދައްކަވާފައެވެ.

އިސްރާއީލުގައި ހުންނަ ޕެރެގުއޭ އެމްބަސީ، ގުދުސްއަށް ބަދަލުކުރަން ނިންމެވީ ޕެރެގުއޭގެ ކުރީގެ ރައީސް ހޮރާޝިއޯ ކާޓެސްގެ ވެރިކަމުގައެވެ. އަދި ގުދުސްގައި ޕެރެގުއޭއިން އާ އެމްބަސީއެއް ހަދައި އެތަން ހޮރާޝިއޯ ކާޓޭސް ހުޅުއްވައި ދެއްވާފައިވަނީ މިއަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހުއެވެ.

ނަމަވެސް، ޕެރެގުއޭގެ ރައީސްކަމަށް މިދިޔަ އޮގަސްޓްމަހުގެ 15 ވަނަދުވަހު އިންތިޚާބުވެ ވަޑައިގެންނެވި މާރިއޯ އަބްދޮގެ ސަރުކާރުންވަނީ، ގުދުސްގައި ހެދި އެމްބަސީ އަލުން ތެލްއަވީވަށް ބަދަލުކުރަން ނިންމައި މިދިޔަ ބުދަދުވަހު އެކަން އިޢްލާންކޮށްފައެވެ.

ޕެރެގުއޭ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން، ގުދުސްގެ މައްޗަށް ގަދަކަމުން ވެރިވެގަނެގެންއުޅޭ އިސްރާއީލަށް ވަރަށްބޮޑު ސިހުމެއް ގެނުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މިކަން ވެގެންދިޔައީ، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށްކަމަށް ދުނިޔެ ބަލައިގަތުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތަށް ކުރިމަތިވި ބޮޑު ނާއުންމީދެއް ކަމަށްވެސް ބުނެއެވެ.

ގުދުސްއަކީ އިސްރާއީލުން ގަދަކަމުން ހިފާފައިވާ ރަށެއްކަމަށް އދއިންވެސް ކަނޑައަޅާފައި އޮތުމުން، ގުދުސްއަކީ އިސްރާއީލުގެ ބިމެއް ކަމަށް ދުނިޔެ ގަބޫލެއް ނުކުރެއެވެ.

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ރަސްމީގޮތުން ބަލައިގަނެ، ޓްރަމްޕް އެކަން އިޢްލާން ކުރައްވައި އަދި ފަހުންވަނީ ގުދުސްގައި އެމެރިކާގެ އެމްބަސީއެއް ހަދައި ހުޅުވާފައެވެ. އެމެރިކާ ފަހަތުން އެކަންކުރި ދެގައުމަކީ ޕެރެގުއޭގެ އިތުރުން، ގުއަޓިމާލާއެވެ.

އިސްރާއީލުގައި ހުރި އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރަން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމެވި ނިންމެވުން ތަންފީޒުކޮށް އެކަން ހަގީގަތަކަށް ހެދުމުގައި އިސްރޯލެއް ކުޅުއްވީ އެމެރިކާގެ ނާއިބް ރައީސް މައިކް ޕެންސްއެވެ.

މައިކް ޕެންސް، ޕެރެގުއޭގެ ރައީސް މާރިއޯ އަބްދޮއަށް ފޯނުން ގުޅުއްވައި، ކުރީގެ ރައީސް ނިންމަވާފައިވާ ނިންމެވުން ދަމަހައްޓަން އެދިވަޑައިގެންފައި ވެއެވެ. ޕެރެގުއޭއިން އެމެރިކާއާއި އިސްރާއީލާއެކު ބާއްވަމުން އަންނަ ތާރީޚީ ގުޅުންތަކުގެ ރަމްޒެއްގެ ގޮތުންވެސް، އެމްބަސީ އަލުން ތެލްއަވީވަށް ބަދަލު ނުކުރެއްވުމަށް މައިކް ޕެންސް، ޕެރެގުއޭގެ ރައީސަށް ދެންނެވިއެވެ.

ނަމަވެސް، އެމެރިކާގެ ނާއިބް ރައީސްގެ ހުށަހެޅުއްވުންތަކަށް ޕެރެގުއޭގެ ރައީސް ދެއްވި ޖަވާބާ ގުޅޭގޮތުން މީޑިއާއިން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ގުދުސްގައި ހުރި ޕެރެގުއޭގެ އެމްބަސީ، އަލުން ތެލްއަވީވަށް ބަދަލުކުރަން ނިންމައި ޕެރެގުއޭ ސަރުކާރުން އިޢްލާންކުރިތާ މާގިނައިރެއް ނުވަނީސް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫވަނީ، ރުޅިއައިސްގެން ޕެރެގުއޭގައި ހުންނަ އިސްރާއީލުގެ އެމްބަސީ ވަގުތުން ބަންދުކުރުމަށް އަމުރު ކޮށްފައެވެ.