ރައްޔިތުންގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާނެކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވައުދުވެވަޑައިގެންފިއެވެ.

އިއްތިހާދުން ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އަދުލްއިންސާފު ގާއިމްކުރާނެކަމަށާ އެއްވެސް ރައްޔިތެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ އެ ހައްގެއް ހޯދައިދޭނެކަމަށެވެ.

އަދި މީހަކަށް ހައްގެއް ހޯދާދިނުމަށް އެހެން މީހެއްގެ ހައްގެއް ނިގުޅައިނުގަނެވޭނެކަމަށް ވިދާޅުވެ ދުވަހަކުވެސް އަނިޔާވެރިނުވާނެކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ރައްޔިތުންގެ ނަމުގައި ލޯނުނަގާ ރައްޔިތުންގެ ރުހުމެއްނެތި ގައުމު ދަރަނިވެރިިކުރުވާނެ ރައީސަކަށް އެމަނިކުފާނު ނުވާނެކަމަށެވެ އަދި ރައްޔިތުންގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާނެކަމަށް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މި ސަރުކާރުން ނެގި ދަރަނިން ރައްޔިތުންގެ ބޯ ނުހިކޭއިރު، ރައީސް ޔާމީން ހުންނެވީ ހިނިފުޅުވަޑުވަންކަމަށެވެ.

ނެގި ދަރަންޏާއި ބެހޭގޮތުން ސުވާލު ނުކުރާނެކަމަށް ހީފުޅު ކުރެއްވިނަމަވެސް، ރައީސް ޔާމީނާއި ރައްޔިތުން އެ ސުވާލުކުރާނެ ދުވަސް އަންނާނެކަމަށް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.