ރައްޔިތުން ގޮތް ނިންމައިފިކަމަށާ ނަތީޖާ ފެނިއްޖެކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި އެތައްހާސް ބަޔަކާއެކު ކުރިއަށްދާ އިއްތިހާދުގެ "އިންސާފުގެ މަގަށް" ޖަލްސާގައި ވާހަކަދައްކަވަމުން އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ އެއްވެސް ޚިޔާނާތެއް ނެތް، ހެޔޮ ލަފާވެރިއަކު އިންތިޚާބުކުރުމުގެ ފުރުސަތު ލިބުމަކީ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އުފާކަމަށެވެ.

މިރޭ ކާނިވާ ސަރަހައްދަށް އެއްވެފައިވާ އެތައް ހާސް ރައްޔިތުންނަށް އިޝާރާތްކުރައްވާ ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުން ގޮތް ނިންމައިފި ނަތީޖާ ފެނިއްޖެކަމަށެވެ. އަދި މާތްﷲއަށް ދުއާކޮށް 23 ވަނަ ދުވަހަށް އިންތިޒާރުކުރުމަށް ހުރިހާ ރައްޔިތުންނަށް ފައިސަލް އިލްތިމާސްކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ ހައްގަށް ނަސްރު ލިބޭނެކަމަށާ އެ މަންޒަރު މިރޭގެ ޖަލްސާއިން ފެނިގެންގޮސްފައިވާކަމަށެވެ.

ތާއަބަދު ރާއްޖެ އޮންނާނީ އިސްލާމީ ގައުމެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ފައިސަލް ނަސީމް ވިދާޅުވީ ދިވެހި ބިމުން އެންމެ އިންޗިއެއްވެސް ބޭރުގެ ފަރާތްތަކަށް ދޫކޮށްނުލައްވާނެކަމަށެވެ.

ގާނޫނު އަސާސީ ނަގަހައްޓާ ދަމަހައްޓާނެކަމުގެ ވައުދު ތަކުރާރުކުރައްވަމުން ފައިސަލް ނަސީމް ވިދާޅުވީ ދިވެހި ރައްޔިތުން ބަލަހައްޓާނީ ދަރިންނާއި، މައިންބަފައިންގެ ގޮތުގައިކަމަށެވެ.

"އަޅުގަނޑުމެން މި ވައުދުވަނީ ތިޔަ ރައްޔިތުން އަޅުގަނޑުމެންގެ ދަރިންގެ ގޮތުގައި، މައިންބަފައިގެން ގޮތުގައި ބަލަހައްޓައިދޭނަން." ފައިސަލް ނަސީމް ވިދާޅުވިއެެވެ.

އިބްރާހިމް މުހައްމަދު ސާލިހަށް އެންމެ ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެން ފައިސަލް ނަސީމް ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ހުރިހާ ވަގުތެއް ހުސްކުރާނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައިކަމަށެވެ. ރައީސް ޔާމީން ހެއްދެވިގޮތަށް ވެރިކަމަށް ވަޑައިގެން އަނެއް ދުވަހު ފައްޓަވާނީ ކުރިއަށް އޮތް ދައުރުގެ ކެންޕެއިން ނޫންކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ހޯއްދަވައިދެއްޗާނެކަމަށާ ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބި އާއިލާތަކުން ތަހަންމަލުކުރަމުންދާ ހިތްދަތި ދިރިއުޅުމުން އެ ރައްޔިތުން ސަލާމަތްކޮށްދޭނެކަމަށެވެ.

ކެންޕެއިންގައި މިހާތަނަށް 180 ރަށަކަށް ޒިޔާރަތްކުރެއްވިއިރު ހިތަށް ކެތްނުކުރެވޭނެ އެތަށް މަންޒަރެއް ފެނިފައިވާކަމަށާ ރައްޔިތުންގެ އެ ހާލަތު ބަދަލުކުރުމަށް ކުރަންޖެހޭ ކޮންމެ މަަސައްކަތެއް ކުރަން ހުރީ ތައްޔާރަށްކަމަށް ފައިސަލް ވިދާޅުވިއެވެ.

"އިބްރާހިމް މުހައްމަދު ސާލިހް ވަޑައިގަންނަވަނީ މިހުރިހާ ކަމަކަށް ހައްލު ހޯދާދީ އުފާވެރި އާއިލާއެއް ބިނާކުރުމުގެ ވައުދާއެކު." ފައިސަލް ވިދާޅުވިއެވެ.