ދެކުނު ސޫދާނުގައި، ގޮނޑިހުރި ވަރަށްވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރި މަތިންދާ ބޯޓެއް ވެއްޓި، 21 މީހުން މަރުވެއްޖެއެވެ.

ދެކުނު ސޫދާނުގެ ކޮމާޝަލް އެއަރލައިނެއް ކަމަށްވާ ބޭބީ އެއަރގެ މިމަތިންދާ ބޯޓް ވެއްޓިފައިވަނީ ވެރިރަށް ޖޫބާއިން ފުރައިގެން ދަނިކޮށެވެ. ބޯޓު ވެއްޓިފައިވަނީ ދެކުނު ސޫދާނުގެ މެދުތެރޭގައި އޮންނަ އަވަށެއް ކަމަށްވާ ޔުރޮލްގެ ކޯރެއްގެ ތެރެއަށް ކަމަށް ވެއެވެ.

19 ގޮނޑީގެ މިމަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 21 މީހުން މަރުވެފައި ވާއިރު، މިހާދިސާއިން 3 މީހަކު ވަނީ މަރުނުވެ ސަލާމަތް ވެފައެވެ. މަރުނުވެ ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 6 އަހަރުގެ ކުޑަ ކުއްޖަކާއި، ފިރިހެނަކާއި އަދި ދެކުނު ސޫދާނުގައި ހިލޭ އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމާއަތަކަށް ނިސްބަތްވާ އިޓަލީގެ ޑޮކްޓަރެކެވެ. ޑޮކްޓަރުގެ ހާލު ވަރަށް ސީރިއަސްކަމަށް ވެއެވެ.

ދެކުނު ސޫދާނުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ މަތިންދާ ބޯޓު ވެއްޓެއް ދިމާވި ސަބަބު ދެނެގަތުމަށް މިހާދިސާ ތަހްގީގު ކުރަމުންނެވެ.

ހަނގުރާމައިގެ ހާއްޔަކަށް ވެފައިވާ ދެކުނު ސޫދާނުގައި މިފަހުގެ ތާރީޚްތަކުގައި މަތިންދާ ބޯޓްގެ ގިނަ ހާދިސާތަކެއް ހިނގާފައި ވެއެވެ.

އެގޮތުން، 2017 ވަނަ އަހަރުވެސް މޫސުން ގޯސްވުމުގެ ސަބަބުން އެއަރޕޯޓެއްގައި ޖެއްސި ބޯޓެއް ކޮންޓްރޯލްނުވެ އަލިފާންނިއްވާ ޓްރަކެއްގައިޖެހި މަތިންދާ ބޯޓްގައި އަލިފާން ރޯވެ ހަތަރު ފަސިންޖަރުން ޒަޚަމްވެފައި ވެއެވެ.

ވެރިރަށް ޖޫބާއިން ފުރި ކާގޯ މަތިންދާ ބޯޓެއް 2015 ވަނަ އަހަރު ވެއްޓި އެތައްބަޔަކު މަރުވެފައި ވެއެވެ.