ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ރިސޯޓު މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ހުޅުމާލޭގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ނަސީމް ވިދާޅުވީ ވަޒީފާގައި ދަތި ކުރުންތައް ހުރުމާއި ޒުވާނުންނަށް ވަޒީފާ ލިބުން ދަތި ވުމުގެ ޝަކުވާ ވަރަށް ބޮޑުކަމަށެވެ.

ވަޒީފާ ދިނުމާއި ޕްރޮމޯޝަން ދިނުމާއި ވަޒީފާގެ ތެރެއިން އިތުރު ފުރުސަތުތައް ހޯދައިދިމުނުގައި ވަކި ސިޔާސީ ފިކުރަކަށް ބަލައި މި ކަންކަން ދަތިކުރުމަކީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މި ފަދަ ކަންކަމަށް ނިމުމެއް ގެނަސް މަސައްކަތުގެ ހުނަރު ހުރި ގާބިލް ކޮންމެ މީހަކަށްވެސް ހަމަހަމަކަން މަތީ ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ ވަކިން ހާއްސަކޮށް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ފާހަގަ ކުރައްވާފައެވެ.

ފައިސަލް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބިނާވެފައިވާ ގައުމަކަށް ވުމުން ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި ރިސޯޓު މުވައްޒަފުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އެހެން ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ލިބެންވާ ސަމާލުކަން ނުލިބި ހައްގުތައް ގެއްލޭ ކަމަށާއި ދާއިރާ އިތުރަށް ފުޅާކޮށް މުވައްޒަފުންގެ ކުރިއެރުމަށް އެއްވެސް ވަރަކަށް މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށާއި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ގިނަ ޒުވާނުން ދަނީ އެ ޝަކުވާ ކުރަމުން ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މިކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިއްތިހާދުގެ ވިސްނުމުގައި ގައުމަށް ޚިދުމަތްކުރާ ކޮންމެ މަސައްކަތްތެރިއަކީ ވެސް ގައުމުގެ ތަރައްގިއަށްޓަކައި ސަރުކާރާއެކު މަސައްކަތް ކުރާ އެއް ޓީމެއް ކަމަށެވެ.

އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ވަކިން ހާއްސަކޮށް ސިއްހީ ޚިދުމަތް ތެރިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، އަދުގެ ސަރުކާރުން މުދައްރިސުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ދޭންވާ ވަރުގެ ސަމާލުމަކެއް ނުދީ އިހުމާލުވެފައިވާ ކަމަށް އެފަރާތުން ބުނަމުންދާކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މުދައްރިސުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރުމަކީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮންމެ ސަރުކާރަކުންވެސް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރި މަސައްކަތެއް ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާތީތަކުގެ ވެރިކަމެއްގައިވެސް ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދާނެ ކަމަށެވެ.