ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި އެމަނިކުފާނުގެ ބޭބެ ރައީސް މައުމޫނަށް އެމަނިކުފާނު ވަނީ އަނިޔާވެރިވެފައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ އެމަނިކުފާނުގެ ފޯނު ފުލުހުންނާ ހަވާލު ނުކުރުމުގެ ސަބަބުން ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް ނިސްބަތްކޮށް "ފޯނު ޖަގަހަ" މިނަމުގައި މައުމޫން ރިފޯމް މޫވްމަންޓުން ގާއިމްކުރި ޖަގަހަ އާދީއްތަ ދުވަހުގެރޭ ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރައްވާފައިވަނީ ރައީސް މައުމޫނު ކަމަށެވެ.
ހަގީގަތުގައި ރައީސް ޔާމިން ވެރިކަމަށް އައިސްފައިވަނީ ރައީސް މައުމޫނު ކުރެއްވި ހިތްވަރާއި ބުރަ މަސައްކަތުޕުޅާއި، އެމަނިކުފާނަށް އޮތް ތާއީދުގެ ސަބަބުން ކަމަށް އިބޫ ވިދާޅުވިއެވެ.
އަތޮޅުތެރެއާއި މާލެގައި ރައީސް މައުމޫނަށް އަދިވެސް ވަރަށް ބޮޑު ތާއީދެއް އެބަ އޮތްކަމަށް ފާހަގަކުރައްވައި އިބޫ ވިދާޅުވީ، މިއަދުގެ ސަރުކާރުން އަބަދުވެސް ދައްކަމުން އައީ ހުދުމުހުތާރު ކަމާއި އަނިޔާވެރިކަން ކަމަށެވެ.
އެގޮތުން އިއްތިހާދުގެ ކެމްޕެއިން ހަރަކާތްތަކަށް ސަރުކާރުން އެތައް ހުރަސްތަކެއް ކުރިމަތިކޮށް، ޕާޓީތައް އިންތިހާބަށް ކުރިމަތިލުމުން ކެމްޕޭން ކުރުމާއި އެއްވެ އުޅުމުގެ ފުރުސަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި މިސަރުކާރުން ނުދޭކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ރައްޔިތުން މިހާރު ތިބީ އަނިޔާވެރިކަމާއި ދެކޮޅަށް އަތުގުޅާލައިން ނުކުމެ ކަމަށާއި، ކުރިމަތި ކުރަމުންދާ ދަތިތަކަށް ރައްޔިތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"ފޯނު" ޖަގަހަ ހުޅުމަށް ބޭއްވި ހަފްލާގައި މީޑިއާ ދާއިރާ ދޫކޮށް، އިއްތިހާދަށް ތާއިދުކުރަން ނިންމާ، މިރޭ ރައީސް މައުމޫންގެ އިސްލާހީ ހަރަކާތް "މޯލްޑިވްސް ރިފޯމް މޫވްމަންޓް" އާއި ގުޅުނު މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އަހުމަދު އަނޫޝް ވެސް ބައިވެރިވިއެވެ.
އަނޫޝް ވިދާޅުވީ، އިއްތިހާދާއި ގުޅުނީ ހުރިހާ އެއްޗެއް ދޫކޮށް އަނިޔާވެރިކަން ހުއްޓުވަމަށްޓަކައި އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
ނުގުޑާނެފަދަ އަޒުމާކާއި އިޚްލާސްތެރިކަންމަތީ އިއްތިހާދާއި ގުޅުނީ ހެޔޮ ބަދަލަށް އެދިގެން ކަމަށާއި ރިޝްވަތު ފަދަ އެއްވެސް ކަމަކަށް ވިކި، ހިޔާލު ބަދަލު ނުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އަނޫޝް ވިދާޅުވިއެވެ.