ހަލުވި ތަރައްގީއެއް ގެނެސްދީ މާއުފާވެރި ރާއްޖެއެއް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ހޯދައިދޭނެ ކަމުގައި ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ނ. އަދި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅެއްގައި ނ. އަތޮޅު ލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބޫ ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ރަށްތައް ތަރައްގީވެގެން ނުދަނީ ކޮރަޕްޝަނާއި ފަސާދައާއި ހިޔާނާތަށް މަގުފަހިވާ ގޮތަށް މިއަދުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ބޭނުންވާ ވަސީލަތްތައް ގަންނަމުން ދަނީ ހަތަރުގުނަ ބޮޑު އަގުގައި ކަމަށާއި ތަރައްގީގެ ނަމުގައި މިގޮތަށް ކޮށްފައިވާ ހަރަދުތައް އެމަނިކުފާނުގެ ވެރިކަމެއްގައި ބަލާ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަަމަށްވެސް ވިދާޅުވި އެވެ.