އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ތ. ކަނޑޫދޫއަށް ވަޑައިގަތުމުން އެރަށުން ހޫނުމަރުހަބާއެއް ދަންނަވައިފި އެވެ.

ފައިސަލް ނަސީމް މިއަދު ހެނދުނު ކަނޑޫދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަހައްދަށް އެއްވެ މަރުހަބާ ދަންނަވާފައެވެ.

ތ. ކަނޑޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރު ހިންގާނީ ރައްޔިތުން އެންމެ ބޭނުންވާގޮތަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ ދިވެހިރައްޔިތުން އިއްތިހާދަށް މަރުހަބާ ކިޔަނީ ވަރަށްލޯތްބާއި އަޅާލުމާއި އެކު ކަމަށާއި، އޭގެ ބަދަލުގައި އިއްތިހާދުގެ ވެރިކަމުގައި ރައްޔިތުންނަށް އޭގެ ހެޔޮބަދަލު ދޭނެކަމުގެ ޔަޤީންކަންދޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަކީ މަޖިލީހުގައިވެސް މިހާތަނަށް ރައްޔިތުންގެ ހައްގުގައި ކެތްތެރިކަމާއި ހިކުމަތްތެރި ކަމާއިއެކު މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ. އަދި ހަމަ އެހެންމެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒުވެސް މިއަދު ހުރީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރެވޭ ހާލުގައި މި އަނިޔާވެރިކަމުގެ ޝިކާރައަކަށްވެފައި ކަމަށެވެ.

ފައިސަލް ވިދާޅުވީ ޤައުމެއް ކުރިއަރައިދާނީ ޖަޒީރާވަންތަ ރައްތަކުގައި ފަޙުރުވެރިކަމާއެކު ދިރިއުޅެވި އިޤްތިސޯދީގޮތުން ރައްޔިތުން ފުދުންތެރި ބަޔަކަށްވެގެންކަމަށެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއް ރައްޔިތުން ތިބުމަށް ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތަކާއި، އެނޫންވެސް ގޮތްގޮތުން ރައްޔިތުން އާއްމުދަނީ ހޯދަންކުރާ މަސައްކަތަށް ސަރުކާރުން ހަމަ އަގު ހޯދަދިނުމަށް މަސަައްކަތްކުރާނެކަމަށެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް ރާއްޖެ އެތެރޭކުރާ ސާމާނުން ޑިއުޓީ މާފުކޮށްދޭނެކަަމަށްވެސް ފައިސަލް ވިދާޅުވި އެވެ.