ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެސް ހަމަހިމޭން ވަގުތުކޮޅެއް ރައްޔިތުން ބޭނުންވާ ކަމަށާއި އެކަން ކޮށްދެވޭނީ ގުޅިފައިވާ ޕާޓީ ތަކުގެ ކޯލިޝަނަށް ރައްޔިތުން ވޯޓު ދީގެން ކަމަށް ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ނ. ހެނބަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނާއި އަދި ރަނިންމޭޓް ފައިސަލް ނަސީމު ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެވިފައިވާތީ ރައްޔިތުން ތިބި ގޮތާއި ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ގިނަ ރައްޔިތުން ތިބީ ކޯލިޝަނަށް ތާއީދުކުރަން ނިންމައިގެން ކަމަށާއި ތާއީދުނުކޮށް ތިބި ފަރާތްތަކުން ބާކީވުމުގެ ބަދަލުގައި ކޯލިޝަނަށް ތާއީދުކުރުމަށްވެސް އިބޫ ވަނީ އެދިވަޑައިގެންފަ އެވެ.