ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާ މަގާމުން ދުރުކުރަން، ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ ތެރެއިން ރާވަމުންދާކަމުގެ ރިޕޯޓެއް އާންމުވެއްޖެއެވެ.

މިމައްސަލަ ފަޅާއަރުވާލާފައިވަނީ ދެކުނު އެފްރިކާގެ ނޫހަކުންނެވެ.

ދެކުނު އެފްރިކާގެ ނޫހެއް ކަމަށްވާ "ސަންޑޭ ޓައިމްސް" އިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ރައީސް ސައިރިލް ރާމަފޯސާ މަގާމުން ދުރުކުރުމުގެ ރޭވުމުގައި ޕާޓީގެ ލީޑަރޝިޕް ބައިވެރިވާ ކަމަށެވެ.

އަދި ވެރިކަންކުރާ އޭއެންސީ ޕާޓީގެ އިސް އޮފިޝަލުންތަކަކާއެކު، ކުރީގެ ރައީސް ޖެކޮބް ޒޫމާ ޑާރބަންގައި ސިއްރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށްވެސް ނޫހުން ބުނެފައި ވެއެވެ.

ކުރީގެ ރައީސް ޒޫމާ ބައްދަލު ކުރެއްވި ޕާޓީގެ އިސް އޮފިޝަލުންގެ ތެރޭގައި ސެކްރެޓަރީ ޖެނެރަލް އޭސް މުގަޝޫލޭވެސް ހިމެނިވަޑައި ގަންނަވާ ކަމަށް ވެއެވެ. އަދި މިއީ ރައީސް ރާމަފޯސާ މަގާމުން ދުރުކުރުމަށް ރޭވުންތައް ރޭވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ސަންޑޭ ޓައިމްސްއިން ވަކާލާތު ކުރެއެވެ.

އޭއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، ދެކުނު އެފްރިކާގެ ނޯތުވެސްޓް ސަރަހައްދުގެ ކުރީގެ ވެރިޔާ ސުޕްރާ މަހުމަޕެލޯއާއި، އޭއެންސީގެ އަންހެނުންގެ ލީގުގެ ސެކްރެޓަރީ ޖެނެރަލް މިއޮކްގޯ މަބޫޓާއާއި، އޭއެންސީ ޔޫތު ލީގު ކްވަޒޫލޫ-ނަޓާލް ޕްރޮވިންސްގެ ސެކްރެޓަރީ ޖެނެރަލް ތަންޑުޒޯލޯ ސަބޭލޯވެސް މިކަމުގައި ހިމެނިވަޑައި ގަންނަވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ނަމަވެސް، ސަންޑޭ ޓައިމްސްއިން އާންމުކޮށްފައިވާ މިރިޕޯޓް، ވެރިކަންކުރާ އޭއެންސީ ޕާޓީންވަނީ ދޮގު ކޮށްފައެވެ. އެޕާޓީން ބުނެފައިވަނީ، ރައީސް ސައިރިލް ރާމަފޯސާ މަގާމުން ދުރުކުރުމުގެ އެއްވެސް ރޭވުމެއްގައި އެ ޕާޓީގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.

އަދި ނޫހުން ހާމަކޮށްފައިވާ ރިޕޯޓަކީ ކަނޑައެޅިގެން ރޯބުހުތާނު ދޮގު ކަމަށާއި، ހަދަހަދައިގެން ދައްކާ މިފަދަ ދޮގު ވާހަކަތައް އޭއެންސީން ގަބޫލު ނުކުރާ ކަމަށެވެ. އަދި މިވާހަކަތައް ދޮގުކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

"ހަގީގަތާ ޚިލާފް މިރިޕޯޓް ޝާއިއުކޮށް ސަންޑޭ ޓައިމްސްއިން މިހިންގި ޒިންމާދާރުކަންކުޑަ އަދި ނުރައްކާތެރި އަމަލުގެ ސަބަބުން އަޅުގަނޑުމެން ވަރަށް ނާއުންމީދުވެއްޖެ" އޭއެންސީ ޕާޓީގެ ގައުމީ ތަރުޖަމާނު ޕޫލޭ މާބޭ ވިދާޅުވެފައި ވެއެވެ.

އަދި ރައީސް ސައިރިލް ރާމަފޯސާ މަގާމުން ދުރުކުރަން ޕާޓީ ތެރެއިން ރާވާފައިވާ ކަމަށްބުނާ ރޭވުމާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްއާ ގުޅުވައި ފަތުރާ ވާހަކަތައްވެސް ކަނޑައެޅިގެން ދޮގުކުރައްވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އޭއެންސީގެ ތަރުޖަމާނުވަނީ، މިފަދަ ދޮގު ޚަބަރުތަކުގެ އަވާގައި ނުޖެހުމަށް ޕާޓީގެ އާންމު މެމްބަރުންނަށް ގޮވާލައްވާފައެވެ.

"އޅުގަނޑުމެން ސަންޑޭ ޓައިމްސްއަށް ގޮވާލަން މިރިޕޯޓް އަނބުރާ ނެގުމަށް. ސަބަބަކީ، މިއީ ހަދަހަދައިގެން ފަތުރާފައިވާ ސިޔާސީ ރިޕޯޓެއް ކަމަށްވުން. އަޅުގަނޑުމެން ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކުރަން. ނަމަވެސް އެ މިނިވަންކަމުގެ ބޭނުން ހިފަންޖެހޭނީ ރައްކާތެރިކަމާއި، ޒިންމާދާރުކަމާއެކު" ދެކުނު އެފްރިކާގައި ވެރިކަންކުރާ އޭއެންސީ ޕާޓީގެ ތަރުޖަމާނު ޕޫލޭ މާބޭ ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި، ޚިޔާނާތުގެ އެތައް މައްސަލައެއް ފެންމަތިވެ، ވެރިކަންކުރާ ޕާޓީ ތެރޭގައި އުފެދުނު ބޮޑެތި އަރާރުންތަކަށްފަހު، އޭއެންސީގެ ލީޑަރުކަމުން ޖެކޮބް ޒޫމާ ދުރުކޮށް، އާ ލީޑަރަކަށް ސައިރިލް ރާމަފޯސާ އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

އަދި އޭގެފަހުން، ޕާޓީ ތެރެއިންނާއި، ބޭރުން ކުރިމަތިވެވަޑައި ގެންނެވި ބޮޑެތި ފިއްތުންތަކާ ގުޅިގެން ދެކުނު އެފްރިކާގެ ރައީސްކަމުން ޖެކޮބް ޒޫމާ އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސްކަމުގެ މަގާމާ ސައިރިލް ރާމަފޯސާ ހަވާލުވެވަޑައި ގެންފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ނާއިބް ރައީސްގެ މަގާމުގައެވެ.