ވެރިރަށް މާލޭގެ މައްޗަންގޮޅީގައި ދިރިއުޅޭ ގިނަ ރައްޔިތުން ތިބީ މިސަރުކާރުގެ އަނިޔާވެރިކަމުން ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މެޑަމް އައިޝާ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދަވައި ދެއްވުމަށް މިއަދު ހަވީރު ވެރިރަށް މާލޭގެ މައްޗަންގޮޅި އުތުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހިންގެވި ހަރަކާތުގެ ތެރެއިން މީޑިއާއަށް ދެއްވި އިންޓަވިއުގައެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ އައިޝަތު ނަހުލާ ވިދާޅުވީ، މައްޗަންގޮޅި އުތުރު ދާއިރާގެ ގިނަ ގެތަކަށް ޒިޔާރަތް ކުރެއްވުމުން ފެނިވަޑައިގަތީ ރައްޔިތުންގެ ހާލަތު ހުރިގޮތް ކަމަށާއި ގިނަ ރައްޔިތުން ތަހައްމަލް ކުރަމުންދަނީ ވަރަށްވެސް ނިކަމެތި ދަތި ހާލު ކަމަށެވެ. އަދި ގިނަ ގޭގެއިން ފެނިވަޑައިގަތީ ދަރިންގެ ކަންތައްތަކުގަޔާއި ފިރިންގެ ކަންތައްތަކުގައި، ނޫނީ ގެދޮރުގެ ކަންތައްތަކުގެ އިތުރުން ކޮންމެވެސް މީހެއްގެ ބަލިހާލަތުގެ އެހީތެރިކަމަކަށް ބޭނުން ވެފައިވާ މަންޒަރު ކަމަށް އައިޝާ ވިދާޅުވިއެވެ.