އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުންނާއި ގައުމަށްވުރެ އެހެން އެއްވެސް ކަމެއް އިސްނުކުރާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ މުޅި ގައުމު އެދި ގޮވަނީ ބަދަލަކަށް ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ރައްޔިތުން އެދޭ ބަދަލުގެނެސްދޭނެ ކަމަށެވެ. ފައިސަލް ވިދާޅުވީ އެބޭފުޅުންނަށް އެންމެ މުހިންމު ވާނީ ރައްޔިތުން ކަމަށާއި އެންމެ ބޮޑުވާނީ ގައުމު ކަމަށެވެ. އަދި އިސްކަންދޭނީ ހަމަހަމަކަމާއެކު ގެނެވޭ ތަރައްގީއަށް ކަމަށާއި އަންހެން ބޭފުޅުންނަށް ފުޅާ ދާއިރާއެއްގައި ގައުމުގެ ތަަރައްގީގައި ޝާމިލްވެވޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް މާދަމާ މިގައުމު ހަވާލުކުރެވޭ ފަދަ ގާބިލް ޖީލަކަށް ހެދުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ އަޅާލާނީ ދޮށީ އުމުރުގެ މީހުންނަށް. އަބަދުވެސް އެފަރާތްތަކަށް ދައުލަތުގެ ފަރާތުން ލޯތްބާއި އަޅާލުން ލިބިގެންދާނެ. މިހާރު ދައުލަތުން ލިބިގެންދާ އަނިޔާތައް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބިގެންދާނެ. ޝަކުވާތައް ގިނައީ ރައްޔިތުންނަށް އަޅާނުލެވި އިހުމާލުވެވިފައިވާތީ. ގިނަ އަހަރުތަކެއް ވަންދެން ސަރުކާރުން ރައްޔިތުންނާ ގާތުން މިގޮތަށް ކަންތައްތައް ބަލައި އޮޅުންފިލުވާފައި ނުވާތީ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގައުމު ތަރައްގީ ވާނީ ހުރިހާ ރަށްތަކެއްގެ މެދުގައި ހަމަހަމަކަން ގާއިމުކުރެވިގެން ކަމަށެވެ. ރަށްރަށުގެ ސިއްހީ ނިޒާމު ވަނީ ވަޅުޖަހާފައި ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ރަށްތަކުން ސިއްހީ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ތައުލީމީ ނިޒާމު ވަރުގަދަކޮށް، މަޝްވަރާގެ އުސޫލުން ކަންކަން ކުރާނެ ކަމަށެވެ.

މިދަތުރުފުޅުގައި އޮމަދޫއަށް ވަޑައިގެން ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އަމަލުކުރާނީ ގާނޫނާ އެއްގޮތަށް ކަމަށާއި އެއްވެސް ކަމެއް ނަހަމަގޮތުގައި ނުކުރާނެ ކަމަށެވެ. ސަރުކާރުން ކަންކޮށްފައި އޮތް ގޮތުން ރައްޔިތުންގެ އިތުބާރު ވަނީ މުޅިން ގެއްލިފައި ކަމަށާއި ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއަށް ވަންނަން ޖެހޭ ކަމަށެވެ.

"ދިވެހި ދައުލަތުގެ މުއައްސަސާތަކަށް މަތިވެފައި އޮތް މަސްއޫލިއްޔަތަކީ ވަކި ފަރާތަކަށް ބުރަވާ ގޮތަށް، ވަކި ފަރާތެއް ރުއްސުމަށް ކަންތައްތައް ކުރުމެއް ނޫން. ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކުރަން ޖެހޭނީ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން. ގާނޫނުއަސާސީއެއް ވެސް އޮތް ބައެއް. ގާނޫނަށް ހިތަން ޖެހެނީ ހަމައެކަނި ރައްޔިތުންނެއް ނޫން. މުއައްސަސާތަކުން އެބަޖެހޭ ރައްޔިތުންނަށް އެހިތްހަމަޖެހުން ހޯދައިދޭން، ނަމޫނާ ދައްކައިދޭން އެބަޖެހޭ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ފުލުހުންގެ މުއައްސަސާއަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ޒިންމާ އަދާކުރެވޭނެ ޖާގަ ތަނަވަސްކޮށްދޭނެ ކަމަށެވެ.

އޮމަދޫއަށްފަހު ފައިސަލް މިއަދު ވަޑައިގަތީ ވޭމަންޑޫއަށެވެ. އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާމެދު ރައްޔިތުންގެ މެދުގައި ގިނަ ޝައްކުތަކެއް އެބަހުރި ކަމަށާއި އެޝައްކުތައް ފިލާނެ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަންޖެހޭ ކަމަށެވެ. ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސް މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހަދައިދިނުމަށް ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް. އަދި އޭގެ މައްޗަށް މިއަދު އަނެއްކާވެސް މިފެނިގެންދަނީ، ވޯޓު ރީރަޖިސްޓަރ ކުރުމުގެ ކަންތައްތަކުގައި ވެސް އެތައް ޝަކުވާއެއް ކުރިމަތިވެ، އެތައް ބަޔަކު ވޯޓުލުމުގެ ހައްގުން ވަނީ މަހުރޫމްވެފައި. މުޅި ކޮމިޝަނަށް ގޮވާލަން އިންސާފުވެރިކަމާއެކު ކަން ކޮށްދިނުމަށް. ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންތައްތައް ކޮށްދިނުމަށް" ފައިސަލް ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ތ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ފަހު ަމަންޒިލެއްގެ ގޮތުން ވަޑައިގަތީ އެއަތޮޅު ކިނބިދޫއަށެވެ. އެރަށުން ވެސް އަދި އެހެން ރަށްރަށުން ވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ފައިސަލްގެ މިދަތުރުފުޅުގެ ތެރެއިން މިރޭ ކިނބިދޫގައި އިއްތިހާދުގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.