ކޯލިޝަން ސަރުކާރުގައި ސިއްހީ ޚިދުމަތުގެ ނިޒާމު އޮންނާނެގޮތުގެ ކުރު ތަސައްވުރެއް، ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް ހާމަކުރައްވައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަދުވަހުގެރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ކޯލިޝަންގެ ވެރިކަމުގައި އެންމެ އިސްކަމެއް ދޭނެ އެއްކަމަކީ ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށްޓަކައި، ބޮއްސުންލާފައިވާ ދައުލަތުގެ ސިއްހީ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ.

އިބޫ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު މިއަދު މިއޮތީ ފަރުވާއަށް ބޭނުންވެފައި ކަމަށެވެ.

އެހެންކަމުން، އެމަނިކުފާނުގެ ވެރިކަމުގައި ސިއްހީ ނިޒާމު ބައްޓަން ކުރައްވާނެގޮތުގެ ކުރު ތައާރަފެއް ރާއްޖޭގެ ރައްޔިތުންނަށް ހާމަކޮށްދެއްވިއެވެ.

"އާސަންދަ ތައާރަފް ކުރެވުނީ ޒަމާނުއްސުރެ މިގައުމުގައޮތް ބޭސްފަރުވާއަށް ސަލާންޖެހުމުގެ މަޖުބޫރީ ހާލަތު ބަދަލުކުރުމަށް. އެހެންނަމަވެސް، އާސަންދައިގެ ނިޒާމު ތައާރަފްކުރި މަގްސަދު ހާސިލްނުވެ، އަދިވެސް ސިއްހީ އެކި ބޭނުންތަކަށް، ޚާއްސަކޮށް ބޮޑެތި ބަލިތަކަށް ފަންޑުފޮށި ހުޅުވަން މިއަދު މިވަނީ ޖެހިފަ. އަޅުގަނޑުމެން މިދެކެނީ އާސަންދައިގެ ޚިދުމަތަކީ ވަކި ޕާޓީއަކަށް ތާއީދުކުރުމުން މެނުވީ ނުލިބޭނެ ޚިދުމަތަކަށް ވެގެން ނުވާނެކަމަށް. އަޅުގަނޑުމެން މިއުފައްދާ ސަރުކާރުގެ ތަސައްވުރަކީ ހުރިހާ ރައްޔިތުންނަށް، ތަފާތުކުރުމެއްނެތި އާސަންދައިގެ ނިޒާމުގެ މަންފާ ލިބޭގޮތަށް އޮތް ނިޒާމެއް. އަވަށްޓެރި ގައުމުތަކުގައި ދިގުމުއްދަތުގެ ވިސާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ" އިބޫ ވިދާޅުވިއެވެ.