މިމަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދަވައި ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން، އެމަނިކުފާނުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަނީސާ އަހުމަދު ރ. އަތޮޅަށް ވަޑައިގެންފި އެވެ.
މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުން ވާހަކަދައްކަވަމުން ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ އަނީސާގެ މިދަތުރު ފުޅުގައި ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑއިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރ. އަތޮޅަށްފަހު އަނީސާ ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ބ. އަތޮޅަށް ކަމަށާއި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް އަނިސާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ގާނޫނުއަސާސީ އެކުލަވައިލި ޚާއްސަ މަޖިލީހުގައި ވެސް އިންނެވި އަނީސާގެ އިތުރުން މައުމޫން ސަރުކާރުގައި އިސްމަގާމްތަކުގައި އުޅުއްވި ގިނަ ބޭބޭފުޅުން އިބޫއަށް ތާއީދު ހޯދާދިނުމަށް ރަށްރަށަށް ވަޑާއިގެން ކެމްޕެއިން ކުރައްވަމުން އަންނައިރު، މިބޭބޭފުޅުން ގެންދަވަނީ ރަށްރަށުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަމުންނެވެ.