ސިޔާސީ ހަރަކާތެެއްގައި ބައިވެރިވެގެން ސަރުކާރުގެ މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފިނަމަ އެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ފަރާތާ ދެކޮޅަށް ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއްގައި ފިޔަވަޅު އަޅާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަފަރީއަަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ކުޑަފަރީގެ ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންތަކެއް އިބޫއަށް މިއަދު ތާއީދުކުރެއްވުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ ކުޑަފަރި މިސާލަކަށް ބަލައިގެން ރާއްޖޭގެ އެހެން ރަށްތަކުގެ ސަރުކާރު މުވައްޒަފުންވެސް ގުޅިފައިވާ ޕާޓީ ތަކަށް ތާއީދުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފިނަމަ އެ މުވައްޒަފަކަށް ވަޒީފާ އަނބުރާ ހޯދައިދީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރި ފަރާތް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް ފިޔަަވަޅު އަޅާނެ ކަމަށެވެ.

ނ. ކުޑަފަރީއަކީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ އުފަން ރަށެވެ. އެމްޑީއޭ އިން ވަނީ ޕީޕީއެމްއާ އެކު އެޕާޓީން ހަދާފައިވާ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެނައުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފަ އެވެ.