ފުލުހުންގެ މަދު ބައެއްގެ އަމަލުތައް ހުރިގޮތުން ރައީސް ޔާމީނަކީ ފުލުހުންގެ މުއައްސަސާއިން ކުރިމަތިލައްވައިގެން އުޅުއްވާ ކެންޑިޑޭޓެއްގެ ގޮތުގައި ސިފަވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ފުލުހުންގެ 90 ޕަސެންޓުގެ ތާއީދު އޮތީ އިއްތިހާދުގެ ކެންޑިޑޭޓަށް ކަމަށާއި ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރެއްވުމަށް ރައީސް ޔާމީން ކިތަންމެ ވަރަަކަށް މަސައްކަތް ކުރެއްވިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ފުލުހުންގެ ތެރެއިން ގާނޫނާ ޚިލާފަށް އަމަލުކުރަނީ މަދު ބައެއް ކަަމަށާއި އެކަން ދާދި އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ.

"އެއް ނަމްބަރު ކެންޑިޑޭޓް އަބްދުﷲ ޔާމީން ހީވަނީ ފުލުހުންގެ މުއައްސަސާއިން ކުރިމަތިލައްވައިގެން އުޅުއްވާ ކެންޑިޑޭޓެއްހެން. އެގޮތަށް ރައްޔިތުންނަށް އިހުސާސް ކުރެވޭ ގޮތަށް ފުލުހުންގެ ބައެއް ބޭފުޅުންގެ އަމަލުތައް ނުބެހެއްޓުމަކީ ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމެއް. ފުލުހުންގެ މަސްއޫލިއްޔަތަކީ ގައުމު އަމާންކުރުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުން"

ސަމީރު ވިދާޅުވީ މިހާތަނަށް ފުލުހުން ބޭއްވި އެއްވެސް ޕްރެސް ކޮންފަރެންސެއްގައި ރައްޔިތުންނަށް އިންތިޚާބު ކަށަވަރުކޮށްދިނުމުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި އަދި ފުލުހުންގެ ފަރާތުން ރައްކާތެރިކަންދީ ވޯޓަށް ގޮތްގޮތް ނުހެދޭނެ ކަމުގެ ޔަގީންކަމެއް ރައްޔިތުންނަށް ނުދޭ ކަމަށެވެ. ޖަލުން ކުށްވެރިންތަކެއް ދޫކޮށް، ރަށުތެރޭގައި މާރާމާރީ ފަދަ ކުށްތައް އިރުވެފައިވާއިރު އެކަންކަން ހުއްޓުވަން ފުލުހުން ނޫޅޭ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށްފަހު ފުލުހުންގެ ނަމުގައި ޕްރެސް ކޮންފަރެންސް ބާއްވައި ކަންބޮޑުވާންޖެހޭ ފަދަ މައުލޫމާތުތަކެއް ހިއްސާކުރަމުންދާ ކަމަށެވެ.

އެގޮތުން އަބަދުވެސް ފުލުހުން ފާހަގަކޮށްފައިވަނީ އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕޭނަށް ކުރިމަތިކުރަން ގަސްދުކުރާ ހުރަސްތަކާއި އިދިކޮޅު ކެމްޕޭނުގެ ސަބަބުން ފުލުހުންނަށް ފާހަގަވާ ހުރަސްތައް ކަމަށެވެ. ނަމަވެސް ކެންޑިޑޭޓުންނަށް ހަމަހަަމަ ފުރުސަތު ފަހިކޮށްދިނުމުގެ އެއްވެސް ވާހަކައެއް އެއްވެސް ޕްރެސް ކޮންފަރެންސެއްގައި ދައްކާފައިނުވާ ކަމަށެވެ. ފުލުހުންގެ ފަރާތުން ފެންނަނީ އެއްވެސް ޕްރޮފެޝަނަލްކަމެއް ނެތި ސިޔާސީ ވާހަކަތައް ދައްކާ މަންޒަރު ކަމަށް އަނަސް ވިދާޅުވިއެވެ.

"މާލޭގެ މަގުތަކުގައި ދިދަދެމުމުގެ ހަރަކާތް ވެސް ކެމްޕޭން ތެރޭގައި ކުރިއަށްދާނެ. ދިދަތައް ހުންނަންވާނީ ފުލުހުންގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަމަށް ހަރުކޮށްފައި ހުރި ކެމެރާތަކަށްވުރެ އުހުގައި ކަމަށް އެންގި. އެކެމަކު ފެނުނީ ރައީސް ޔާމީންގެ ކެމްޕޭން ދިދަތަކަށް ގާނޫނު ތަންފީޒު ކުރަން ނުކެރުނުތަން. ފެނިގެންދިޔައީ މުޅި ފުލުހުންގެ އިދާރާ ރައީސް ޔާމީންގެ ދަށަށް ނުވަތަ ކުޑަކަކޫ ޖެހިތަން. މިއީ އެއްގޮތަކަށްވެސް އެތާތިބި ފުލުހުންގެ ތާއީދާއެކު ކުރާ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ" އަނަސް ވިދާޅުވިއެވެ.

މީގެ އިތުރަށް އިއްތިހާދުގެ ކެންޑިޑޭޓު ހުޅުމާލެއަށް ކެމްޕޭނަށް ވަޑައިގަތުމުން ބަޔަކު އެމަނިކުފާނަށް ހަމަލާދޭން މަސައްކަތް ކުރި މައްސަލައިގެ ތަހުގީގު ނުހިނގާތީއާއި، އޭގެ ބަދަލުގައި ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކޮށްފައި ވުމުން އަނަސްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ޒާތުގެ ވާހަކަތައް ދައްކަމުންދަނީ އިއްތިހާދުން ދާދިފަހުން މާލޭގައި ބޭއްވި ބޮޑު ޖަލްސާއިން ރައީސް ޔާމީނަށް ތާއީދު ނެތްކަން އެގުމުން ކަމަށެވެ.

ރައްޔިތުންނަށް މިފަދަ އިންޒާރުތައް ނުދީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކޮށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށްދިނުމަށް ފުލުހުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް ޕާޓީތަކުން ވަނީ ގޮވާލާފައެވެ.