އިއްތިހާދުގެ ސަރުކާރެއްގައި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ފެންވަރުދަށްކޮށް ނުހިންގާނެ ކަމަށާއި މަގުގައި އަޅާ ތާރުގަނޑު ތިންދުވަސްތެރޭ ނުކެނޑޭނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވިލުފުށީގައި ބޭއްވި އިއްތިހާދުގެ ޚާއްސަ ޖަލްސާގައެވެ.

ފައިސަލް ވިދާޅުވީ ގޯތިގެދޮރުގެ ދަތިކަމަކީ ވިލުުފުށީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ވިލުފުށީ ޒުވާނުންނަށް ގޯތި ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

2013 ވަނަ އަހަރު ވިލުފުށީގައި 100 ގެ އެޅުމުގެ މަޝްރޫއެއް ފެށުނުކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، މިގޮތަށް ކުރީ ސަރުކާރުން ފަށާފައިހުރި ވަރަށް ގިނަ ކަންކަން މިސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންތެރި އެފަދަ ކަންކަން އަލުން ފަށައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ނަފާ ތ.އަތޮޅު ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކޮށް، ވިޔަފާރިވެރިންނަށް ހުރި ހުރަސްތައް ނައްތާލާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. މިގޮތުން މީރާގެ ދައުރު ފުޅާކޮށް، ވިޔަފާރިވެރިންނަށް ޖޫރިމަނާއިން ސަލާމަތްވެގެން އުޅެވޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ފެންވަރު ދަށްކޮށް ހިންގައި ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މަގުގައި ތާރުއަޅައިފިއްޔާ ތިން ދުވަސް ފަހުން ހުންނަނީ ތާރުގަނޑު ކެނޑި، އަޑިގުޑަންވެފައި. މިއީ އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއިން ކަންކުރަންވާނެ ގޮތެއް ނޫން. އަޅުގަނޑުމެން ހިންގާ މަޝްރޫއުތަކާއި ތަރައްގީގެ ކަންކަން ހިންގާނީ އޭގެ ހަމައަގުގައި. ބްރިޖެއް ހަދައިފި ކަމަށް ވަންޏާ އޭގެ ދެގުނަ، ހޮސްޕިޓަލެއް ހަދައިފި ކަމަށް ވަންޏާ އޭގެ ހަމައަގުގެ ތިންގުނަ ހޭދަކޮށް ޚިޔާނާތަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ކޮށްފައިވަނީ. އަޅުގަނޑުމެން ރައްޔިތުންގެ ލޯލާރިއެއްގައި ވެސް ނުޖެހޭނަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރައްވާނީ ދަރަނި ކުޑަކުރުމަށް ކަމަށާއި ތަރައްގީ ގެންނާނީ ދަރިންގެ ދަރިންގެ ބޮލުގައި އެތައް މިލިއަން ރުފިޔާގެ ދަރަނި އެޅޭ ގޮތަށް ނޫން ކަމަށެވެ.

މީގެ އިތުރަށް ފައިސަލް ވިދާޅުވީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެދާއިރާތައް ތަރައްގީކޮށްދޭނެ ކަމަށެވެ. ރަށްރަށުގެ ސްކޫލުތައް ހުރީ ވަރަށް ދެރަވަރު ހާލަތެއްގައި ކަމަށާއި ކިޔަވައިދިނުމުގެ ވާހަކަ ސަރުކާރުން ދައްކާވަރާ ގާތަށް ވެސް ކަންކަން ކުރެވިފައިނުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ވިލުފުށީ ސްކޫލުގައި ވެސް ޕްރިންސިޕަލަކު ނެތި އަަހަރެއްހާ ދުވަސް ފާއިތުވެފައިވާކަން ފައިސަލް ފާހަގަކުރެއްވިއެވެ.

"މިރަށުގެ މައިންބަފައިންނާއި މުދައްރިސުންނަށް އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ތައުލީމީ ނިޒާމު ވަރުގަދަކޮށް، މުދައްރިސުންނަށް ހަމަޖެހިލައިގެން ތިބެ ދަރިވަރުންނަށް އުނގަންނައިދެވޭނެ މަގުތަނަވަސްކޮށްދީ، އެމާހައުލު އަޅުގަނޑުމެން ގާއިމުކޮށްދޭނަން. ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދޭނަން" ފައިސަލް ވިދާޅުވިއެވެ.

ވިލުފުށީގައި ގުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ކުރިއަށްގެންދެވޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އަދި އިއްތިހާދުގެ ސަރުކާރެއްގައި ވިލުފުށީގައި ޒަމާނީ ފުޓުބޯޅަ ދަނޑެއް އަޅައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތަކަކީ ރައްޔިތުން ބަލައިގަންނަ ކަންކަން ނޫން ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުން އެކަން ދައްކާނެ ކަމަށެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސަރުކާރުން ދައްކާ ބިރަށް ފަހަތަށްނުޖެހި ކުރިއަށް ދިއުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.