ކިތަންމެ ވަރަކަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް ސާނިހުބެ އަކަށް ނުވިސްނޭނެއެވެ. ނުވިސްނެނީއެއް ނޫނެވެ. ވިސްނަން ބޭނުން ނުވަނީއެވެ. އެ ނޫންގޮތެއް ގަބޫލުކުރަން ބޭނުން ނުވަނީއެވެ. އެހެން ނޫންނަމަ ލޯމަތިން ފެންނަން ހުރި ކަންކަން އެއީ ނުވާކަމަކަށް ހަދައިގެނެއް ނޫޅޭނެއެވެ. ނުވާކަންކަން ވީކަމަކަށް ހަދައިގެނެއް ވެސް ނޫޅޭނެއެވެ. އަހަރެންނަށް ގަބޫލު ނުކުރެވެނީ އެފަދަ ކަންކަމެވެ. ކޮންމެ ގޮތެއް ވަރިހަމަ ކުރާކަށް އަހަރެންގެ ހިތެއް ބޭނުމެއް ނުވެއެވެ. ސާނިހުބެއާ ޒުވާބުކުރަން ޖެހެނީ މި ސަބަބާ ހުރެއެވެ.

މިއަދުވެސް ސާނިހުބެ ފެށީ ސާނިހުބެ ތާއީދުކުރާ ޕާޓީގެ ވާހަކައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެ ޕާޓީގެ ކެންޑިޑޭޓަށް ވޯޓް ދޭން ޖެހޭ ވާހަކައެވެ.

"ކީއްވެ ވޯޓް ދޭންޖެހެނީ؟ ކޮން ސަބަބަކާ ހުރެ ވޯޓް ދޭންވީ؟ ކީއްވެ މަޖުބޫރު ވީ؟" އަހަރެން ސުވާލުކުރީމެވެ.

"އެ ނޫން މީހަކު ނެތީމާ. އެނޫން ގޮތެއް ނެތީމާ. ދެން ހުރި ކެންޑިޑޭޓަށް ވޯޓް ދީފިނަމަ ވާނެ ގޮތް ރަފާހާއަށް ވެސް އެނގޭނެ" ސާނިހުބެ ޖަވާބުދިނެވެ.

"ތިޔަ ދައްކާ ވާހަކަތަކުގައި އަހަރެން އަދި ވޯޓްދޭން ޖެހޭ ސަބަބެއް ނެތް. އަހަރެންނަށް އެނގެނީ ދެ މީހަކު ކުރިމަތި ލާފައިވާކަން. އެ ނޫން ގޮތްގޮތް ވެސް އެބަ ހުރިކަން. ވަކި މީހަކަށް ވޯޓްލައިފިނަމަ ދެން ވާނެ ގޮތް އެކަކަށް ވެސް ނޭނގޭނެ. އެހެންވީމާ ތިބުނާ ކެންޑިޑޭޓަށް އަހަރެން ވޯޓް ދޭންވީ ސަބަބެއް އަދި ނެތް" ސާނިހުބެ ދެއްކި ވާހަކަތަކުގައި ވޯޓް ދޭންޖެހޭ ސަބަބެއް ބުނެދެވިފައި ނުވާކަމަށް އަހަރެން ބުނީމެވެ.

"ރަފާހާމެން އަދި ޅަވާނެ. މި ކަހަލަ ކަންކަން އަދިއެއް ނުވިސްނޭނެ. ސިޔާސީ ކަންކަމުގައި ނޫޅޭ މީހުންނަށް ސިޔާސީ ކަންކަން ނިންމަން ޖެހޭ ގޮތެއް ނޭނގޭނެ. އެހެންވެ އަހަރެން މިބުނަނީ އަހަރެން ބުނާ މީހަކަށް ވޯޓްލާށޭ. އަހަރެންނަށް ކަމެއް ކޮށްދޭނަމަ މިކަން ކޮށްދޭށޭ. މިއީ ފަހު ފުރުޞަތޭ. ފަހުން މި ފުރުޞަތެއް ނުލިބޭނޭ" ސާނިހުބެގެ ވާހަކަތަކުން އަހަރެންނަށް ޔަގީންވީ އޭނާ ހުރީ ދޫދޭގޮތަކަށް ނޫންކަމެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ ތާއީދުކުރާ ކޮޅު މޮޅުކުރުމަށް އޭނާ މަސައްކަތް ކުރާނެކަމެވެ. ސާނިހުބެގެ ވާހަކަތަކަށް އަހަރެން އެއްބަހެއް ނުވަމެވެ. އާއެކޭ ނުބުނަމެވެ.

"ހަދާނެ ގޮތް އެނގޭނީ މަށަށް. ކަންކަން ކުރެވޭކަން އަހަރެން ދައްކާލާނަން. ކަލޭ ހުރޭ ވޯޓް ނުދޭން" ގެއިން ނުކުންނަމުން ސާނިހުބެ ބުނި ޖުމުލައިގައި ވަނީ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމެވެ. އެކަމަކާ އަހަރެން ހާހެއް ނުވެއެވެ. މަންމަ ހުންނާނީ އަހަރެން ކޮޅަށެވެ. ބައްޕަ ވެސް ގަބޫލުކުރާނީ އަހަރެން ދައްކާ ވާހަކައެވެ. ސާނިހުބެގެ ބަސްވިކޭނީ ހަމައެކަނި ސިޔާސީ މީހުންގެ ކުރިމަތީގައެވެ.

ވޯޓްލާން ދެ ދުވަހަށްވެފައި ވަނިކޮށް ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީ މީސްމީހުންގެ އައިޑީ ކާޑު ވިއްކާ ވާހަކައެވެ. ބޮޑު އަގުގައި އައިޑީ ކާޑު ގަންނަ ވާހަކައެވެ. ވޯޓް ލިޔަ ނުދިނުމަށްޓަކައި އެ މަސައްކަތް ކުރާ ވާހަކައެވެ.

އެ ޚަބަރު ހަމަ ލިބުމާއެކު އަހަރެން މަންމައަށް ގުޅީމެވެ. އެއްވެސް މީހެއްގެ އަތަށް އައިޑީ ކާޑު ނުދިނުމަށް ބުނީމެވެ. އެ ވާހަކަ ބުނެފައި ފޯނު ބޭއްވިތާ މާގިނަ އިރެއް ނުވެއެވެ. މަންމަ ގުޅިއެވެ.

"މަންމަ މި އުޅެނީ އައިޑީ ކާޑު ލެވުނު ތަން ނޭނގިގެން. ދަރިފުޅު އަތުގައި އެބަ އޮތްތަ؟" ސުވާލުކުރީ މަންމައެވެ.

"ނޫން އަހަރެން އަތަކު ނޯންނާނެ. މަންމަ އަތުގައެއްނު ވީ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކި ދުވަހު މަންމަ އެ ކާޑު ނެގީ" މަންމައަށް އަހަރެން ހަނދާން ކޮށްދިނީމެވެ. އަދި އަލަމާރި ރަނގަޅަށް ޗެކުކޮށްލުމަށް ބުނީމެވެ.

އިރުތަކެއް ފަހުން އަނެއްކާ ވެސް މަންމަ ގުޅިއެވެ. މިފަހަރު ދިނީ މާ ސުންޕާ ޚަބަރެކެވެ. މަންމަގެ ވެސް އަދި ބައްޕަގެ ވެސް އައިޑީކާޑު ވީތަން ނޭނގުނީއެވެ. ހޯދާހޯދާ ވެސް ނުފެނުނީއެވެ. މުޅި ގެ ބެލިއިރުވެސް ކާޑަށް ވީގޮތް ނޭނގުނީއެވެ.

އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. ސާނިހުބެގެ އަތެއް އެކަމުގައި ވެދާނެކަމަށް ހިތް ގަބޫލުކުރިއެވެ. ނަމަވެސް އެފަދަ ޝައްކެތް ކުރަންވާނީ ހެކި ހުރެގެންކަމަށް ހިތް ބުނަމުންދިޔައެވެ. އެކަމަކު މަންމަމެންގެ ކާޑު ގެއްލެންވީ ކީއްވެ ހެއްޔެވެ؟ ދެ މީހުންގެ ކާޑު ލެވުނު ތަން ނޭނގެންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ގޮސް ހުއްޓުނީ ހަމަ ސާނިހުބެއަށެވެ. މި ޝައްކު ބޮޑަށް އުފެދުނީ މި ފަހަކަށް އައިސް އިންތިޚާބުގެ ވާހަކަ ސާނިހުބެ ނުދައްކާތީއެވެ. އެންމެ ފަހުން ކުރި ޒުވާބަށް ފަހު ވޯޓާ ގުޅޭގޮތުން ވާހަކަ ނުދައްކާތީއެވެ.

(ނުނިމޭ)