ބިރު ދެއްކި ނަމަވެސް ކުރަން ނިކުމެ ހުންނެވި މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި މިހާރު ކުރިއަށްދާ ސްޕީޑުގައި ކުރިއަށް ގޮސް މަސައްކަތުގައި ކާމިޔާބު ހޯދާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބްރާހީމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު އެ އަތޮޅު ފީވަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމަން ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ބޭނުންވާ ކަމަށާއި އެހެންކަމުން އެ މަސައްކަތުގައި ފަަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ބިރު ދެއްކި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަަމަށް އިބޫ ވިދާޅުވެފައި މިވަނީ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕޭން ދަތުރުފުޅެއްގައި ނ. އަތޮޅު ރަށެެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެމައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.