ތަރައްގީގެ މަޝްރޫއުތައް ފަށާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށްދިނުމާ ހިސާބުން ކަަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގޮއިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބޫ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާ ސަރުކާރުން ހަރަދުކުރާއިރު އަދި ރައްޔިތުންގެ ނަމުގައި ލޯން ނަގަމުންދާއިރު އިސްކަން ދޭންޖެހޭނީ ރައްޔިތުންނަށް އެންމެ ފުރަތަމަ ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތޔް ގާއިމުކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އުސް އިމާރާތްތަކާއި ދިގު ފާލަންތަކާ ހިސާބަށް ދާންޖެހޭނީ މިކަންތައްތައް ކޮށްފައި. ދައުލަތުގެ މުޅި ހަޒާނާއިން ރައްޔިތުން ދީފައި ހުރި ޓެކްސް އިން ހަރަދުކުރާއިރު ރައްޔިތުންގެ ނަމުގައި ލޯން ނަގައިގެން ކަންތައްތައް ކުރާއިރު ފުރަތަމަ ކޮށްދެންޖެހޭނެ ކަންތައްތަކަކީ މިއީ މިއީ އަޅުގަނޑުމެން ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެން ތަރައްގީގެ މަޝްރޫއުތައް ފަށާނެ ހިސާބަކީ." އިބޫގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތަކަށް އިސްކަންދެއްވާނެ ތަރުތީބު ހިއްސާކުރައްވަމުން ވިދާޅުވި އެެވެ.