ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމަނިކުފާނު ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް އިއުތިރާފުވެފައިވާތީ އެއީ ގާނޫނާ ހިލާފުވެ ބައެއްގެ ހައްގަކަށް އަރައިގަތުން ކަމަށް ނިންމާ އެމައްސަލަ ބަލައިދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުން ވިދާޅުވެއްޖެ އެވެ.
ބާރަ މެމްބަރުންގެ ފަރާތުން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަތައް ބަލަނީ ކޯޓުތަކުން ކަމަށެވެ. ކޯޓުތަކުުން ކުރިއަށް ގެންދާ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުއްވަމުން ނުގެންދަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ރައީސް ޔާމީން މުއައްސަސާތަކަށް ނުފޫޒާއީ ބާރު ހިންގަވާކަން އެމަނިކުފާނުގެ އިއުތިރާފުން އެނގިގެން ގޮސްފައިވާ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.