ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށް ނިމިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށް މިހާރު ވަނީ ނިމިފައިކަމަށެވެ.

މި މަހުގެ 8 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓު އެ ކޮމިޝަނުން ގެޒެޓުކޮށް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވާނެ ކަމަށެވެ. 5 ދުވަހުގެ މުއްދަތަކަށް ހުޅުވާލި މި ފުރުސަތުގައި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުންވެސް ސޮއި ކުރުމުގެ ފުރުސަތު ދީފައި ވަނީ 25 ބޭފުޅަކަށެވެ.

ލިސްޓުތަކުގައި ސޮއި ކުރމުގެ ފުރުސަތު ހުޅުވާލި އިރު ލިސްޓު އަޅާ ކިޔުމަށް ދީފައި ވަނީ އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އެކުލަވާލި އެހެން ލިސްޓެއް ކަމަށާއި ޕާޓީތަކުން އެކުލަވާލައިފައިވާ ލިސްޓުތަކާ އަޅައި ކިޔުމަށްޓަކައި ސޮއި ކުރަން ހަމަޖައްސާފައިވާ މާލަމާ ހަމަޔަށްވެސް އިތުރު ލިސްޓެއް ގެންދިޔުމުގެ ހުއްދަ އިލެކްޝަނުން ދީފައި ނުވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އިލެކްޝަނުން އިއުލާނުކޮށްފައި ވާއިރު ލިސްޓުގައި ސޮއި ކުރުމަށް އިލެކްޝަނުން ހުޅުވާލި މުއްދަތު ހަމަވަނީ މިއަދުގެ އިރު އޮއްސި 6:00 އަށެވެ.